Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ހޮސްޕިޓަލުގެ ފުރަތަމަ ނިއުރޯ ސާޖަރީ ކާމިޔާބު

އޭޑީކޭގެ އެހީތެރިކަމާއެކު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ފުރަތަމަ ނިއުރޯ ސާޖަރީ ކާމިޔާބު ކަމާއެކީ ކޮށްފިއެވެ.

އޭޑީކޭ އިން ބުނީ އެ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމާއި އޭއީއެޗްގެ އޯޓީ ޑިޕާޓްމެންޓް ގުޅިގެން މި ސާޖަރީ ކޮށްފައި ވަނީ އިއްޔެ އުމުރުން 62 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ.

އޭޑީކޭ އިން ބުނީ އެ މީހާގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭއީއެޗްގެ މެޑިކަލް ޓީމުން އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމުގެ އެހީއަށް އިއްޔެ ހަވީރުގެ ވަގުތެއްގައި އެދުނު ކަމަށާއި އެ ކޭސްގެ ގޮތުން އެމީހާ މާލެ ގެނައުން އެންމެ ރައްކާތެރި ކަމަކަށް ނުފެންނާތީ ސިއްހީ ސާމާނާއެކު އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމު އާސަންދައިގެ އެހީއާއެކު ރޭގެ ވަގުތެއްގައި އައްޑޫ އަށް ދިޔަ ކަމަށެވެ.

އެގޮތުން އައްޑޫ އަށް ދިޔަ ޓީމުގައި ހިމެނެނީ ޑރ.އަލީ ނިޔާފް އާއި ޝަމޫނާ އަލީ އާއި ޑރ.އަދީލް ޝަރީފް އެވެ.

އެގޮތުން އެ އޮޕަރޭޝަން ކޮށްފައިވަނީ ރޭ 11:45 ހާއިރު ކަމަށާއި އެމީހާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން މިއަދު ފަތިހުގެ ވަގުތެއްގައި އިތުރު ފަރުވާ އަށް އެމީހާ އޭޑީކޭ އަށް ގެނެސްފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.