Last Updated: April 20, 06:31
Saturday, April 20, 2024
ޚަބަރު

އިންސާފު ހޯދައިނުދީ އަނިޔާގެ ވާހަކަދައްކަން ތިބުން ބޭކާރު: އަލީ

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް

އިންސާފު ގާއިމްކުރަން ފުރުސަތު ލިބުމުން ވެސް އެކަން ނުކޮށް، އަނިޔާގެ ވާހަކަ ދައްކަން ތިބުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ އާންމު މެމްބަރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފު ހޯދައިދޭން ފުރުސަތު އެތަކެއް ފަަހަރު ލިބުމުން ވެސް އިންސާފާއި އަދާލަތު ގާއިމު ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.

މައުމޫންގެ ސަރުކާރުން އީވާން މަރާލި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެން މަރުގެ ހުކުމް އިއްވި ފަހުން ރާއްޖޭގައި ބަޔަކު މެރުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް އީވާންގެ މަރާއި ގުޅިގެން ހުކުމް އިއްވި އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ. މައުމޫންގެ ސަރުކާރަށްފަހު ދެން އުފެދުނު ވެރިކަމުގެ ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވާއިރު އެ ވެރިކަމުގައި ވެސް މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ބަލާފައެއް ނުވެއެވެ.