Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މިރޭ ކްރިސްޓަލް ޕެލެސް އަތުން 3-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި އެންޑްރޯސް ޓައުންސެންޑް ވަނީ ޕެލެސް އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެލެސްގެ ފޯވާޑް އަޔޫ ވެސް ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ޕެލެސް އިން ފުރަތަމަ ހާފް ނިންމާލިއިރު މެޗުގެ 74 ވަނަ މިނެޓްގައި ޕެލެސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޮފްގެ އަތުގައި ޖެހުނު ކަމަށް ބުނެ ޕެލެސް އަށް ދިން މި ޕެނަލްޓީ ފުރަތަމަ ފޮނުވާލީ އަޔޫއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޑެހެޔާ ދިފާއުކުރި ނަމަވެސް ޕެނަލްޓީ ޖެހުމުގެ ކުރިން ގޯލުގެ ރޮގު ޑެހެޔާ ހުރަސް ކުރުމުން ރެފްރީ ވަނީ އަލުން އެ ޕެނަލްޓީ ޖަހުވާފައެވެ.

އެގޮތުން ދެވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ދިނުމުން ވިލްފްރެޑް ޒަހާ ވަނީ ޕެލެސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި ދެވަނަ ހާފްގައި ކުޅެން އެރި ވެންޑަ ބީކް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ޔުނައިޓެޑް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ވެންޑަ ބީކް އަކީ މި ޓްރާންސްފާ މާކެޓުގައި އަޔެކްސް އިން ގެނައި ކުޅުންތެރިއެކެވެ.

ވެންޑަ ބީކް މި ގޯލު ކާމިޔާބުކުރިތާ ފަސް މިނެޓްފަހުން ޒަހާ ވަނީ ޕެލެސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މުހިއްމު މޮޅެއް ކަށަވަރުކޮށްދީފައެވެ.

މިއީ ހަ އަހަރުތެރޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބްރައިޓަންއާއެވެ.