Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މިނާ، އުމުރުން އެންމެ 13 އަހަރުގައި ކަނޑުގެ އަޑިއަށް ފީނަނީ!

ޝަރަފުއްދީން ސްކޫލްގެ ގްރޭޑު 7ގައި ކިޔަވަމުން އަންނަ މަރިޔަމް މިނާ މުހައްމަދު ސަލީމަކީ އަބަދުވެސް މޫދާއި ރައްޓެހި ކުއްޖެކެވެ. ފެތުމާއި މޫދު ކުޅިވަރަށް ބޮޑު ޝައުގުވެރިކަމަށް ހުންނަ ކުއްޖެކެވެ.

ކުޑައިރުއްސުރެ ފެށިގެން މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުން ގޮސް އެންމެ ފަހުން މިނާ މިވަނީ ކަނޑުގެ އަޑިއަށް ފީނަން ފަށާފައެވެ. ސ.މަރަދޫގައި ހިންގާ އަކުއާވެންޗާ ޑައިވިން ސްކޫލުން ކުރިއަށްގެންދާ ޕަޑީ އޮޕެންވޯޓާ ޑައިވަން ކޯސް ފުރިހަމަކޮށް މިނާ މިވަނީ ޕަޑީ އޮޕެންވޯޓަރ ޖޫނިއާ ކޯސް ހަދައި ސެޓުފިކެޓު ހާސިލްކުރި ފުރަތަމަ އައްޑޫ ދަރިވަރުގެ މަގާމު ހާސިލްކޮށްފައެވެ.

އުމުރުން އެންމެ 13 އަހަރުގައި އޮޕެންވޯޓާ ސެޓްފިކެޓު ހޯދުމަށް ފަހު މިހާރު މިނާ މަސައްކަތް ކުރަމުން ދަނީ އެޑްވާންސް ކޯސް ފުރިހަމަ ކުރުމަށެވެ.


ކުރިންވެސް ފާހަގަ ކުރެވުނު ގޮތަށް މިނާ އަކީ އައްޑޫގައި ފާހަގަކޮށްލެވޭ ކުޅަދާނަ ފެތުންތެރިއެކެވެ. އިންޓަ ސްކޫލް ފެތުމުގެ މުބާރާތްތަކުން ތަފާތު ރަން ވަނަ ތަކެއް ހާސިލްކޮށްފައިވާ އިރު "ސްވިމް އައްޑޫ" އާއި އެކު ލަންކާގައި ވަނީ ދެފެތުމުގެ މުބާރާތެއްގައި ވަނީ ބައިވެރިވެފައެވެ. މި ދެ މުބާރާތުންވެސް މިނާ ވަނީ ގޯލްޑު މެޑަލް ހާސިލްކޮށްފައެވެ.

ފެތުމުގެ އިތުރުން ފީނުމަށް މިހާރު އިސްކަންދެމުން އަންނަ އިރު އޭނާގެ ހުވަފެނަކީ ފީނުމުގެ އިތުރު ކާމިޔާބީތަކެއް ހޯދުމެވެ.

"އައްޑޫލައިވް" އިން އެދެނީ މިނާއަށް އިތުރު ކާމިޔާބު ލިބުމެވެ.