Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޖަލުގައި ބަޑިޖަހަން މައުމޫން އަމުރެއް ނުކުރައްވާ: ދީދީ

2003 ވަނަ އަހަރު މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަޑި ޖަހަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމުރު ނުކުރައްވާ ކަމަށް ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ އާންމު މެމްބަރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ޖަލުގައި ބަޑި ޖެހީ ސިފައިންގެ އިސްވެރިޔާގެ (ރައީސް މައުމޫން) އޯޑަރަށް ކަމަށާއި ބަޑި ޖެހި މީހުން އުމުރަށް ޖަލަށްލީ ނަމަވެސް ބަޑިޖަހަން އޯޑަރު ކުރި މީހާ އުޅެމުންދަނީ އުފަލާއި އަރާމުގައި ކަމަށް ވިދާޅުވެފައެވެ.

ނިހާދުގެ މި ވާހަކަތަކާ ގުޅިގެން ދީދީ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މަޖިލީހުގެ މެމްބަރަކަށް ހުންވައިގެން އެފަދަ އިލްޒާމުތައް އަޅުވަން ނުވާނެ ކަމަށެވެ. އެގޮތުން އެ ދުވަހު އޭރު އެންއެސްއެސްގެ ޑިއުޓީ އޮފިސަރަކަށް ކަން ދިމާވި ގޮތުން ހުރީ އޭނާ ކަމަށާއި ޖަލުގައި ތިބި ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން މައުމޫން އަމުރުނުކުރައްވާ ކަމަށެވެ.

ދީދީގެ މި ވާހަކަތަކާ އާންމު ފަރާތަކުން ވަނީ އެ ދުވަހު ޖަލުގައި ބަޑި ޖެހުމަށް އޯޑަރު ކުރީ ކޮން ފަރާތަކުންތޯ ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި ދީދީ ވިދާޅުވީ އެކަން ވަނީ ތަހުގީގު ކުރެވިފައި ކަމަށާއި ބަޔާންތައް ޕީޖީ އޮފީހުގައި ހުންނާނެ ކަމާއި ކުށްވެރިވި މީހުންނަށް ފިޔަވަޅު އެޅިފައިވާ ކަމަށެވެ.

"އަޅުގަނޑު ނެތިން ޓްވިޓާ މިކަން ޑިސްކަސް ކުރަން. ރައީސް މައުމޫން އެ ދުވަހު ބަޑިޖަހަން އަމުރުފުޅު ނުކުރައްވާ" ދީދީ ވިދާޅުވިއެވެ.

ދީދީގެ މި ވާހަކަތަކާ ގުޅިގެން މައުމޫން ވަނީ ހަގީގަތް ހާމަކުރެއްވީތީ ދީދީ އަށް ޝުކުރު އަދާކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.