Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ކަޅުބިލަ މަހުގެ މަސްވެރިކަމުން ބާނާ މަސް ގަނެވޭނެ އެންމެ ދަށު އަގު ކަނޑައަޅައިފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މުރާޖައާކޮށް ކަނޑައަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ ތެރެއިން 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަސް ގެނެވޭނީ އެންމެ ދަށް ވެގެން ކިލޯއެއް 13 ރުފިޔާ އަށް ކަމަށެވެ. އަދި 1.5 ކިލޯއިން ދަށް ނަމަ މަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއެއް 5.15 ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް މިނިސްޓްރީ އާއިއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން އަދި އެ މަސްވެރިކަމުގައި ބާނާ މަސްގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިމަހުގެ 24 އިން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން މަސް ގަތުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މި ސިޔާސަތަކީ ފުޅާދާއިރާއެއްގައި އެކްސްޕޯޓް ކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތަކަށްވާތީވެ، މަސް ކައްކާ ހިއްކާ ފަރާތްތަކުން އަދި މިނޫން ވެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ޚަރަދުގެ މައްޗަށް ރިއާޔަތްކޮށް ކަނޑައަޅާ ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖައާ ކޮށްވިފައިވަނީ 13 މެއި 2010 ގައެވެ.