Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ސަރުކާރުން އިސްކަންދެނީ ޒުވާނުން ފުދުންތެރި ބަޔަކަށް ހަދަން

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދިނުމަށާއި، ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއިގުޅޭ ވުޒާރާތަކާއި، ޤައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

އެގޮތުން ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފަދަ މަތީ ފަންތީގެ މަޤާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް މަދުކަމުގައި ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، އެ ބޭފުޅުންގެ ވުޒާރާތަކާއި ގުޅޭ ދާއިރާތަކުން މީހުން ތަމްރީނުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ. އަދި، ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރުން ޚިޔާލުފާޅުކުރައްވައި، މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ވަނީ، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މިހާރު ބިނާކުރުމަށް ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި އަދި މިހާރު ރާއްޖެއަށް އެންމެ ބޭނުންވާ ގޮތްތަކަށް ކޯސްތައް ފަރުމާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލުތައް ޙިއްޞާކުރައްވާފައެވެ.