Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ރަހުމަތްތެރިއަކަށް ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާ އޮވޭ: ރައީސް

ރައީސް ސޯލިހު އާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ

ރަހުމަތްތެރިއަކަށް ޖެހޭއިރު އިންޑިއާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް މިއަދު ދިނުމާ ގުޅިގެންނެވެ.

އެގޮތުން ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މި އެހީ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމިކަން ހާމަކުރެއްވީ މިދިޔަ މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެ ލޯނު ދިނުމަށް ނިންމާފައިވަނީ 10 އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އިން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން މާލެ-ތިލަފުށި ބްރިޖު އަޅަން 500 މިލިއަން ޑޮލަރު ދިނުމާއި، ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އާކޮށްދިނުމުގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގުމަށް ވަނީ ނިންމާފައެވެ.

އަދި ކޮވިޑްގެ ހާލަތުގައި ވެސް އިންޑިއާ ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާ އިން މެޑިކަލް ޓީމެއް ވެސް ރާއްޖެ އަށް ފޮނުވާފައިވެއެވެ.