Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ހެދުމުގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ އެއަރޕޯޓުގެ ފަސިންޖާ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫޢަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 16،131،042.02 ރުފިޔާ އަށެވެ.

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެގޮތުން ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެން އަޅާ މި އެއާޕޯޓުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްތަކެވެ.

މި އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު ހިއްކައި ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެ މަސައްކަތް ކުރާ އެމްޓީސީސީން ވަނީ 345،500 އަކަ މީޓަރު ހިއްކާފައެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.