Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޔާމީންގެ އެކައުންޓުތަކުގައި ހުރި ފައިސާއާ ގުޅޭ ދެ މައްސަލައެއް ތަހުގީގު ކުރަނީ

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާއާ ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ފްރީޒްކުރި ޔާމީންގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުރީ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކޮށް އެއްވެސް ތަހުގީގެއް މިހާރު ކުރަމުންދޭތޯ އެ މައްސަލަ ތަހުގީގުކުރި ފުލުހަކާ ސުވާލުކޮށްފައެވެ.

އޭގެ ޖަވާބުގައި އެ ފުލުސް މީހާ ވިދާޅުވީ ދެ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ. އެއީ އިސްލާމިކް ބޭންކުގައި ހުރި ފައިސާއާ ގުޅޭ މައްސަލަތަކެއްތޯ ސުއޫދު ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ވިދާޅުވީ "ހުރިހާ ބޭންކެއްގައި ހުރި ފައިސާއާ ގުޅޭގޮތުން" ކަމަށެވެ.

ފުލުސް މީހާގެ ޖަވާބުތަކާއެކު ޔާމީން ވަނީ ފުރުސަތަކަށް އެދިވަޑައިގެން އެއީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޔާމީން ވިދާޅުވީ ފުލުހުން ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި ފައިސާއަކާ ގުޅޭ ތަހުގީގެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އެއްވެސް ބޭންކެއްގައި ހުރި މިވެނި ފައިސާ އަކީ، މިވެނި ކަމަކާ ގުޅިގެން ހޯދާފައިވާ ފައިސާތޯ މި ސުވާލެއް ނުކުރައްވާ. ތަހުގީގުތަކެއް ފުލުހުން އެބަ ކުރައްވާ، އެކަމަކު ވަކި ބޭންކެއްގައި ހުރި ވަކި އެކައުންޓެއްގައި ހުރި ފައިސާ އަކީ ތިމަންނަމެން ކުރާ މިވެނި ތަހުގީގަކާ ގުޅުންހުރި ފައިސާ ކަމަށް ތުހުމަތު ކުރައްވާފައި އެއްވެސް ތަހުގީގެއް ނުކުރައްވާ. ރަނގަޅު ވާހަކައެއް ނޫން އެއީ" ޔާމީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. މި މައްސަލައިގައި ސުއޫދުގެ އިތުރުން ދެން ތިއްބެވި ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ފަހުން ހާމަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.