Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފެނަކަ އަށް ތުހުމަތުކުރާ 22 މައްސަލައެއް ބަލަން ނިންމައިފި

ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން

ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 22 މައްސަލައެއް ތަހުގީގު ކުރަން އޭސީސީން ނިންމައިފިއެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެގޮތުން މި މައްސަލައިގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި، މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަޔަކަށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުމުގެ ތުހުމަތުތަކެއް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ކޮށްފައިވެއެވެ.

އޭސީސީން ބުނީ ފެނަކަ އަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިން ބަަލަންޖެހޭ ކަންކަން ބެލުމަށްފަހު 22 މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދެން ހުރި މައްސަލަތައް ތަހުގީގުކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭސީސީން ބުނެއެވެ.

ފެނަކަ އާއި ގުޅޭ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅާފައިވާއިރު ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ ފެނަކައިން ވައްކަމެއް، ކޮރަޕްޝަނެއް މިއަދު ނުހިންގާނެ އަދި ނުވެސް ހިންގޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެކަމަށްޓަކައި ހަސަދަވެރިވާ ފަރާތްތަކެއް މެދުވެރިވެގެން އޭސީސީ އަށް މައްސަލަ ހުށަހެޅުމަކީ ލިބޭ އުފަލެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެމައްސަލަ ގަބޫލުކޮށް، އެމައްސަލަ ވީހާވެސް މިނިވަންކަމާއި މުސްތަގިއްލުކަންމަތީގައި ބެލުމަށް އެފަރާތަށްވެސް ގޮވާލަން" ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ފެނަކައިން ލިބޭ ހިދުމަތެއް ނުލިބޭ ކޮންމެ ފަހަރަކު ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރާނަމަ އެއީ ވަރަށް ބޮޑު ޖޯކެއް ކަމަށާއި އޭނާ އެމްޑީގެ މަގާމުގައި ހުންނެވިހާ ހިނދަކު އެފަދަ އަމަލެއް ނުހިންގޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި އޭސީސީ އަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކަ އަކީ މިދިޔަ ސަރުކާރުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ މުއާމަލާތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ.