Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަދީބުގެ ހަތް ދައުވާ އަލުން ކުރިއަށްގެންދަން ހުކުމްކޮށްފި

އަދީބު ކޯޓަށް ވަދެވަޑައިގަންނަވަނީ - ފޮޓޯ: ޝުމްބާ ގޮންގް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަތައް އަލުން ކުރިއަށް ގެންދަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރިއިރު އެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ ހަތް ދައުވާ ބޭރުކޮށްލުމަށް ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައި އަދި އެ ކޯޓުން ބަލައިގަތް ހަތް ދައުވާ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް އިބްތިދާއީ ގޮތުން ފެށިގެން އަލުން ކުރިއަށްގެންދަންޖެހޭ ހަތް ދައުވާ ކަމަށް ކަނޑައަޅާ ކަމަށް ގާޒީ އިއްވި ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށްވާއިރު އެ ދުވަހުގެ އަޑުއެހުމުގައި އަދީބު ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ހޯދަން އެއްބާރުލުން ދެއްވާނެ ކަމަށާއި އެ މައްސަލަ ބެލުމުގައި މި ސަރުކާރުގައި އިހުލާސްތެރިކަން އެބަހުރި ކަމަށްވެސް އެ ދުވަހުގެ އަޑުއެހުމުގައި އަދީބު ވަނީ ވިދާޅުވެފައެވެ.