Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

އަދީބުގެ ބަންދަށް 15 ދުވަސް ޖަހައިފި

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދަށް ހައިކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އަދީބުގެ ބަންދަށް 15 ދުވަސް ޖެހީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ. އެގޮތުން ހައިކޯޓުން ވަނީ އެ ހަތް ދައުވާ ވެސް އަލުން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓަށް އަންގާފައެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ މި ދައުވާތަކާ މެދު ގޮތެއް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރިމާންޑް ޖަލެއްގައި އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށް ވިދާޅުވެފައެވެ.

އަދި އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ދައުލަތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށާއި އަދި އެ ކޯޓުން ލަސްވެގެން 15 ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމުމަށް ވެސް ވަނީ އަންގާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުކުރީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.