Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެޗްޕީއޭގެ ގައިޑްލައިނާ ޝާހިދު ހިލާފުވެއްޖެ: އިދިކޮޅު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ޒިޔާރަތް ކުރުމަށްފަހު ގައުމަށް އެނބުރި އަންނަ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނުގައި އެކަހެރިވެ ހުންނަން ޖެހޭ އުސޫލަށް ސަރުކާރުން އިސްވެރިން އަމަލު ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތީ މި މަހުގެ 19 ގައި ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓަކުން ކަމަށާއި އަދި އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގިނަ ބަޔަކު އެއްކޮށްގެން ޝާހިދު ހަރަކާތްތެރިވެވަޑައިގަތުމުން އެކަމާ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އިދިކޮޅުން ބުނެއެވެ.

"އެމަނިކުފާނު ވަނީ އެޗްޕީއޭގެ އާންމު ގައިޑްލައިނާ ހިލާފުވެެވަޑައިގެންފައި ކަމުން، އެތައް ބަޔަކު ނުރައްކަލަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރަމުންނެވެ" އިދިކޮޅުން ބުނެއެވެ.

މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ސަރުކާރުގެ އިސްވެރިންގެ ކިބައިން ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތުން އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާއިރު ވެސް ފިޔަވަޅެއް ނޭޅޭތީ އެކަމާ ހިތާމަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ރައްޔިތުންނަށް ވަކި އުސޫލެއް އަދި ބޮޑުންނަށް ވަކި އުސޫލެއް އޮންނަ އޮތުން ދޫކޮށްލައި، މިނިސްޓަރަކަސް މަޖިލީހުގެ ރައީސަކަށް ވިޔަސް މިފަދަ އާންމު ސިއްހަތާ ގުޅޭ ކަންކަމުގައި އޮންނަން ވާނީ ރައްޔިތުންނާ އެއް އުސޫލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.