Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރުވާގެ ނިޒާމު ހަރުދަނާކުރަނީ

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސްފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސް މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑާއިއެކު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެން.ޑީ.އޭ.އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއްކަމުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނޭ ކަމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، އެން.ޑީ.އޭ.ގެ ބަޖެޓާއި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމަޢާއި އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެން.ޑީ.އޭ.ގެ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުން ވަނީ، ނައިބު ރައީސް އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެކަމަށް ވިދާޅުވެފައެވެ.

އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.