އިދިކޮޅު ޕާޓީތަކުން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަނީ އެމްޑީޕީގެ ތެރެއިން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރާއްޖޭގައި މިހާރު އޮތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކަމަށްވާއިރު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް ގާތްގަނޑަކަށް އިދިކޮޅު ޕާޓީއަކުން ކުރާ މަސައްކަތް އެމްޑީޕީން ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށާއި އޮތް ޕާޓީއެއް ނަމަ އޮތީ ފެއިލްވެފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރު ހަމަ މަގަށް އަޅުވައި، ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީއެއްގެ ރޯލު މުހިއްމުކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ މިހާރު އެ މަސައްކަތް ވެސް ކުރަނީ އެމްޑީޕީގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.
"ނަމެއްގައި އިދިކޮޅު ޕާޓީއެއް ނެތެކޭ ނޫން. ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކާ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކާ އަސްލު އިދިކޮޅު ޕާޓީއެއްގެ ރޯލު ވަރަށް މުހިއްމު. ހިތާމަޔާއެކު ދަންނަވަން ޖެހޭނީ މިހާރު އެ މަސައްކަތް އަދާކުރަން މިޖެހެނީ ވެރިކަން ކުރާ ޕާޓީގެ ތެރެއިން. އެކަން ކުރުމުން ރައްޔިތުން ވަރަށް ބޮޑަށް އޮޅޭގޮތް ވޭ. އެއީ އެކަން އޮންނަންވާ ގޮތެއް ނޫން" ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވަނީ ދެއުޅިއެއްނުވާ ކަންކަމުގައި މުޒާހަރާ ކުރުމުގެ ބަދަލުގައި އިދިކޮޅު ޕާޓީއެއްގެ ފުރިހަމަ ދައުރު އަދާކުރުމަށް ވެސް ގޮވާލާފައެވެ.
"އިދިކޮޅު ޕާޓީއެއް ނެތިގެން ގޮސް، ވެރިކަން ކުރާ ޕާޓީން މި ޖެހެނީ އެ ދައުރު ވެސް އަދާކުރަން. މިއީ ވަރަށް ދެރަ ކަމެއް" ޝަރީފް ވިދާޅުވިއެވެ.