Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

މަލީހާއަށް އަލުން ބޭންކުން ވަޒީފާދީފި

މަލީހާ ޖަމާލު

ބޭންކު އޮފް މޯލްޑިވްސްގެ ވަޒީފާއިން ގޯސްކޮށް ކަނޑާލިކަމަށް ސުޕްރީމް ކޯޓުން ނިންމި ފާޠިމަތު މަލީހާ ޖަމާލްއަށް އަލުން ބޭންކުން ވަޒީފާދީފިއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ބޭންކު އޮފް މޯލްޑިވްސްއިން އަލުން މަލީހާ ހަމަޖައްސާފައިވަނީ އެ ބޭންކުގެ ހެޑް އޮފް ކަސްޓަމާ ސާވިސްގެ މަގާމަށެވެ.

މަލީހާ ބޭންކުގެ ވަޒީފާއިން ކަނޑާލާފައިވަނީ 2012 ވަނަ އަހަރު އޮގަސްޓު މަހު އިތުރު މުވައްޒަފުން ތަކަކާއި އެކު ރާއްޖެއިން ބޭރަށް ކުރި އޮފީސް ދަތުރެއްގެ ޚަރަދު އަނބުރާ ހޯދުމުގައި ނުކުރާ ޚަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެ އެވެ. މަލީހާ ބޭންކުން ވަކިކޮށްފައިވަނީ 2013 ޖޫން މަހުގައެވެ. ވަޒީފާއިން ވަކިކުރި އިރު މަލީހާ ހުންނެވީ ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑްގެ މަގާމުގައެެވެ.

މަލީހާގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނޮވެމްބަރު، 2014 ގައި ނިންމީ މަލީހާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ މުސާރަ އާއި އިނާޔަތްތަކާއި އެކު މަލީހާއަށް އަލުން ވަޒިފާ ދިނުމަށް ވަޒީފާ އާއި ބެޭ ޓްރައިބިއުނަލްއިން ނިންމިއެވެ. ނަމަވެސް ބޭންކު އޮފް މޯލްޑިވްސްއިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

2016 ޑިސެމްބަރު ބޭންކުން އިސްތިއުނާފު ކުރި މައްސަލާގައި ހައިކޯޓުން ވަނީ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއިދުކޮށްފައެވެ. އޭގެ ފަހުން ބޭންކުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން 30 އޮގަސްޓުގައި ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމަށް ތާއިދުކޮށް މަލީހާއަށް އަލުން ވަޒީފާ އާއި މުސާރައިގެ އިތުރުން އިނާޔަތްތައް ދިނުމަށް ހުކުމްކޮށްފައެވެ.

މަލީހާ ވަޒީފާއިން ވަކިކުރި ކުރުމަށް އިންސާފު ލިބިފައިވަނީ ހަތް އަހަރު ފަހުންނެވެ.