Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

މިސްޓަރ ކްރަސްޓީ: "ބޮޑުގޮލަ"އެއް ކައިފިންތަ؟

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ފޭސްބުކް ގައި 1000 ފޮލޯވަރުން ހަމަ ވެގެން އެކަން ފާހަގަ ކުރި މިސްޓަރ ކްރަސްޓީ އަކީ ކޮވިޑު-19 އާއި އެކު އައްޑޫގައި އުފަންވި ކުޑަ ވިޔަފާރިއެކެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްްގެ ތެރޭގައި މި ކުޑަ ވިޔަފާރި މިވަނީ އައްޑޫގައި ނަން މަޝްހޫރުވެފައެވެ. ހާއްސަކޮށް އެތަނުގެ ބާގަރ އާއި ސަބްމެރިންގެ ރަހަ މިވަނީ އެތައް ބައެއްގެ ދޫތަކަށް ފޯރާފައެވެ. ނަމަވެސް މިސްޓަރ ކްރަސްޓީގެ މީރު ރަހަތަކުގެ ފަހަތުގައިވާ ޓީމަކީ ކޮބާ ކަން ގިނަ ބަޔަކަށް ނޭނގި ހިނގައިދާނެއެވެ.

މިސްޓަރ ކްރަސްޓީ އަކީ ކޮން ބައެއް؟

މިސްޓަރ ކްރަސްޓީ އަކީ ސ. ފޭދޫ ސްޕްރިންގ ވިލާ ފާތިމަތު މަލްހާ ޝަރީފް (މަލް)، އޭނާގެ ކޮއްކޮ މުހައްމަދު މިނާހު ޝަރީފް އަދި އެދެމީހުންނާއި ދެބެންގެ ދެދަރި، ޝައިޒާން އަހުމަދު ގުޅިގެން ހިންގާ ޓޭކްއަވޭ އަދި ޑެލިވެރީ ވިޔަފާރިއެކެވެ. ފޭދޫގައި ހުންނަ އެމީހުންގެ ގޭގެ ބަދިގެއިން ތައްޔާރު ކުރާ ބާގަރ އާއި ސަބްމެރިން އަކީ މިތަނުގެ ޚާއްސަ ކަމެވެ. އެގޮތުން މިތަނުގެ އެންމެ ޚާއްސަ އެއް ޑިޝް އަކީ މިސްޓަރ ކްރަސްޓީގެ ޚާއްސަ "ބޮޑުގޮލާ" އެވެ. މރ. ކްރަސްޓީ އެންމެ ތަފާތުވެފައި ސަޅިވީ އެމީހުން ބަހަނާ ނުދައްކައި ހިތަދޫއަށް ޑެލިވަރީ ފެށުމުންނެވެ.

މަލް, ޝާމްބެ އަދި މިނާހު

ވިޔަފާރި ފެށުނީ ކިހިނެތް؟

މަލް އާއި މިނާހު ކިޔައި ދިން ގޮތުގައި، މރ. ކްރަސްޓީ ފެށުނީ އެމީހުންގެ ބޭބެ ޝައިޒާން (ޝާމްބެ) ކޯވިޑް-19 އާއި ގުޅިގެން އައްޑޫއަށް އައުމާއި ގުޅިގެން ގޭގައި ފޫހިވެފައި ތިބެން ޖެހިގެން، ފޫހި ފިލުވަން ފެށި މަސައްކަތެއްގެ ގޮތުގައެވެ. އެގޮތުން މިކަން ފެށުމަށް ފަސޭހަ ވެގެން ދިޔައީ ބައްޕަ އަކީ ކެއްކުމާއި ރެސްޓޯރެންޓު ހިންގުމުގެ ދާއިރާގައި އުޅެފައިވާ މީހެއް ކަމުން، އަބަދުވެސް މަލް މެންނަަށް ކެއްކުމުގެ ކަންކަން ދަސްކޮށްދޭތީ އެވެ. މަލް އިތުރަށް ކިޔައި ދިން ގޮތުގައި، ގޭގައި މަލްމެން ތައްޔާރު ކުރާ ބާގަރ އާއިލާ ތެރޭގައި މަގުބޫލު ކަމަށާއި، އެކުވެރިންތަކަށް ރަހަ ދައްކާލުމުން ވިޔަފާރި ފަށަން އިތުރަށް އެމީހުންގެ ފަރާތުން ހިތްވަރު ލިބުނު ކަމަށެވެ.

ބޮޑު ގޮލާ
ސަބްމެރިން

އެންމެ ބޮޑު ޗެލެންޖަކީ ކޮބާ؟

"މިދުވަސް ކޮޅު ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ ބާގަރ އަދި ސަބްމެރިން ތައްޔާރު ކުރަން ބޭނުންވާ ސާމާނު ނުލިބުން. އިތުރު ދަށްޗެއް ނެތް" މަލް ކިޔައިދިނެވެ.

"އާއިލާ އާއި އެކުވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް މިކަމަށް ލިބޭ. ޚާއްސަ ކޮށް މރ. ކްރަސްޓީގެ ޑެލިވެރީ ކަންކަން ހަމަޖައްސައިދޭ ޓީމަކީ ހަމަ އެންމެ ބެސްޓް. އެކުދިންނަށް އެގޭނެ ނަން ނުބުންޏަސް ކޮން ބައެއް ކަން. އާއިލާ ތެރެއިންވެސް ހުރިހާ ކަމެއްގައި ވަރަށް އެހީތެރިވޭ." މަލް އާއި މިނާހު ކިޔާ ދިނެވެ.

މިސްޓަރ ކްރަސްޓީގެ ކުރިމަގަކީ ކޮބާ؟

މަލް އާއި މިނާހު ބުނާ ގޮތުން، މިއީ ކޯވިޑް-19ގެ ބަންދު ތެރެއިން ފެށުނު ކަމެއް ނަމަވެސް، ހުއްޓާ ނުލާ މިސްޓަރ ކްރަސްޓީގެ ރަހަތައް އާންމުންނާއި ހަމައަށް އެޓީމުން ފޯރުކޮށް ދެމުން ދާނެއެވެ. އެގޮތުން، ހަމަ މިހާރެކޭ ވެސް އެއްފަދައިން، މިވަގުތަށް އޮތް ގޮތަކީ ޓޭކް އަވޭ އަދި ޑެލިވެރީގެ ޚިދުމަތެެވެ. ނަމަވެސް އިތުރު ރަހަ ތަކާއި ބާވަތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ދެކުދިން ކިޔައި ދިނެވެ.

މީގެ އިތުުރުން، މިސްޓަރ ކްރަސްޓީގެ ޓީމުން މިހާރެކޭ ވެސް އެއްފަދައިން، އެހެން ކުދި ވިޔަފާރި ތަކާއި ގުޅިގެން ބާއްވާ ހަރަކާތްތަކާއި، ޚާއްސަ އޮފާ ތަކުގައި ބައިވެރިވާތަން ފެންނާނެ ކަމަށްވެސް އެޓީމުން ބުނެއެވެ. އެގޮތުން ރަޝިއަން ކެފިރް ޔޯގަޓް ތައްޔާރު ކުރާ ވިޔަފާރި އަކާއި ގުޅިގެން މިސްޓަރ ކްރަސްޓީ މެދުވެރިކޮށް ފަރމެންޓެޑް ރަޝިއަން ކެފިރް ޔޯގަޓްވެސް މިސްޓަރ ކްރަސްޓީ އިން ހޯދޭނެއެވެ.

މިއާއެކު، މި ޓީމުން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސް ކޮޅުގައި މިސްޓަރ ކްރަސްޓީގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ސަޕްރައިޒެއް ލިބިގެން ދާނެ ކަމަށްވެސް އެޓީމުން ބުންޏެވެ. އެގޮތުން މިޓީމުން ވަނީ "އައްޑޫލައިވް" މެދުވެރިކޮށް މިސަޕްރައިޒް ކަސްޓަމަރުންނާއި ހިއްސާ ކުރުމަށް އެދިފައެވެ. މަލް އާއި މިނާހު ކިޔައި ދިން ގޮތުގައި، މިސްޓަރ ކްރަސްޓީގެ ޓީމުން މިހާރު އެންމެ ބުރަކޮށް ކުރަމުން ދާ މަސައްކަތަކީ، ކެއުން ތަކާއި އެކު ބުއިން ވެސް ފޯރު ކޮށްދެވޭނެ ގޮތެއް ހަމަޖެއްސުމެވެ. މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ ބޮޑު އެދުމެއް ކަމުން، މިކަން ވީހާވެސް އަވަހަކަށް ހަމަޖެއްސުމުވެ މަސައްކަތް އެޓީމުން ދަނީ ކުރަމުންނެވެ.

މިސްޓަރ ކްރަސްޓީ ހޯދާނީ ކިހިނެތް؟
މިސްޓަރ ކްރަސްޓީ އާއި ގުޅުމަށް އެންމެ ފަސޭހަ ވާނީ އެތަނުގެ މޮބައިލް ނަންބަރު، 7372339 އަށް ގުޅައިގެންނެވެ. މީގެ އިތުރުން، މިސްޓަރ ކްރަސްޓީގެ ފޭސްބުކް ޕޭޖް "މިސްޓަރ ކްރަސްޓީ އައްޑޫ" (https://www.facebook.com/Mr.crustyaddu/) އަދި އިންސްތަގްރާމް ޕޭޖު "ކްރަސްޓީ_އައްޑޫ" (https://instagram.com/crusty_addu?igshid=x36cimyz2xw0) މެދުވެރިކޮށްވެސް މިތަނާއި ގުޅާލެވޭނެއެވެ.

ނޯޓް: ކޯވިޑް-19 ވަނީ އޭގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ އަށާއި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ޤައުމުގެ އިޤްތިޞާދަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާފައެވެ. ނަމަވެސް މި ދުވަސް ކޮޅުގެ ތެރޭގައި ރާއްޖޭގައި ވަނީ އެތައް ކުދި ވިޔަފާރިތަކެއް އަލަށް ފެށި، މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމާއި، އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ރަނގަޅު އާދަތަކެއް އަލުން އިއާދަ ކުރުވާފައެވެ. މި ސީރީޒް އަކީ ރާއްޖޭގައި އަލަށް ފަށާ ކުދި ވިޔަފާރިތައް ކުރިއަރުވައި، ހިތްވަރު ދިނުމުގެ ގޮތުން ހަފްތާއަކު އެއް ފަހަރު ކުރިއަށް ގެންދެވޭ ސީރިޒް އެކެވެ.