Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މާމެންދޫ އިން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގއ. މާމެންދޫ --

ގއ.މާމެންދޫ ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުންނެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 21 ރަށެއްގައި ކޮވިޑްގެ އެކްޓިވް 40 ކޭސް އެބަ އުޅެއެވެ. މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ ކޭސްތައް ދެން އުޅެނީ ހދ.ހޯނޑެއްދޫގައެވެ.

އެގޮތުން އެ ރަށުން މިހާތަނަށް 45 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން 32 މީހަކު ވަނީ މި ބަލިން މިހާރު ރަނގަޅުވެފައެވެ. އެ ރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.