އިންޑިއާ އިން ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާ ވެކްސިން ހުރިހާ ގައުމަކަށް ފޯރުކޮށްދޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އދ.ގެ ޢާންމު ޖަލްސާގައި ތަޤުރީރުކުރައްވަމުން މޯދީ ވިދާޅުވީ އިންޑިއާ އަކީ މުޅި ދުނިޔެ އިން ވެސް އެންމެ ގިނަ އަދަދަކަށް ވެކްސިން ތައްޔާރުކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ގައުމު ކަމަށާއި އެގައުމުން އުފައްދާ ވެކްސިން ވެގެންދާނީ މި ބައްޔާއި ދެކޮޅަށް މުޅި ދުނިޔެއިން ކުރާ މަސައްކަތަށް ލިބޭނެ އެހީއަކަށް ކަމަށެވެ.
އިންޑިޔާއިން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށްދާކަމަށާއި މި ވެކްސިން ތައްޔާރުކުރެވުމުން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން އެހެން ގައުމުތަކަށް ވެކްސިން އުފެއްދުމުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް އިންޑިއާ އިން އެހީވާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
އިންޑިއާ އިން ކޮވިޑާއި ދެކޮޅަށް ވެކްސިނެއް ނެރެން ތައްޔާރަށް އޮތްކަން މޯދީ ހާމަކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ.
އިންޑިއާގެ އިތުރުން ވެސް އެހެން ބޮޑެތި ބައެއް ގައުމުތަކުން ވެސް އަންނަނީ ކޮވިޑާއިި ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާ އަކީ މުޅި ދުނިޔެ އިން ވެސް ދެވަނަ އަށް ކޮވިޑަށް އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް ވަނީ މި ބައްޔަށް 5.9 މިލިއަން މީހުން ޕޮޒިޓިވް ވެފައެވެ. އަދި 93،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި އިންޑިއާ އިން މަރުވެފައެވެ.