Last Updated: October 28, 15:57
Wednesday, October 28, 2020
ދުނިޔެ

ވެކްސިންގެ ކުރިން ދެ މިލިއަން މީހުން މަރުވެދާނެ: ޑަބްލިއުއެޗްއޯ

ކޮވިޑް-19 އަށް ވެކްސިނެއް ލިބުމުގެ ކުރިން އެ ބަލީގައި ދެ މިލިއަން މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.

ކޮވިޑަށް މިހާތަނަށް ދުނިޔެއިން 33 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު، އެ ބަލީގައި ވަނީ 988،965 މީހުން މަރުވެފައެވެ.

މި ބަލީގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް އެރުމާ ގާތަށް ގޮސްފައިވާއިރު، ޑަބްލިއުއެޗްއޯގެ އެމަޖެންސީސް ޕްރޮގްރާމްގެ ވެރިޔާ މައިކް ރަޔަން މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެއް މިލިއަނަކީ ބިރުވެރި އަދަދެއް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އަދި ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރާނަމަ އަދަދު ދާނީ މަތިވަމުން ކަމަށެވެ.

"އެންމެން ގުޅިގެން މަސައްކަތް ނުކުރާނަމަ މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް އެރުމަކީ ހީވާ ހީވުމެއް ނޫން. އެއީ ވުން ވަަރަށް ކައިރީގައި އޮތް ކަމެއް" ރަޔަން ވިދާޅުވިއެވެ.

ކޮވިޑުން އަރައިގަތުމާ ގާތަށް ވެސް އަދި ނުދާކަން ފާހަގަކުރަމުން ރަޔަން ވަނީ މިފަހަކަށް އައިސް ގައުމުތަކުގައި ކޭސްތައް އިތުރުވުމުން ހަމައެކަނި ޒުވާނުންނަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ އިންސާފެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުރަމުން އަންނައިރު އެންމެ އަވަހަށް ވެސް ވެކްސިނެއް ލިބޭ ވަރު ވާނީ އަންނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.