Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

2016 ގައި ޓެކްސްގެ ގޮތުގައި ޓްރަމްޕް ދެއްކެވީ 750 ޑޮލަރު

އިންކަމް ޓެކްސްގެ ގޮތުގައި 2016 އަދި 2017 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވީ އެންމެ 750 ޑޮލަރު ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފިއެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނީ އެ ނޫހަށް ޓްރަމްޕްގެ ކުންފުނިތަކުގެ 20 އަހަރުގެ ޓެކްސް ރެކޯޑާއި 2016 އަދި 2017 ވަނަ އަހަރުގެ ޓްރަމްޕް ޓެކްސްގެ ގޮތުގައި ދެއްކެވި އަދަދުތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ކުރިން ވޭތުވެދިޔަ 15 އަހަރުގެ ތެރެއިން 10 އަހަރު ޓްރަމްޕް ޓެކްސް ދައްކަވާފައި ނުވާ ކަަމަށް އެ ނޫހުން ބުނެފައިވެއެވެ. އޭގެ ސަބަބެއް ކަމަށް އެ ނޫހުގައި ބުނެފައިވަނީ ލިބުނު ފައިސާ އަށް ވުރެ ގެއްލުންވި ފައިސާގެ އަދަދު ގިނަވުމެވެ.

އެމެރިކާގެ ރައީސަކަށް ވުމުގެ ކުރިން ޓްރަމްޕް މަޝްހޫރު ވެފައިވަނީ ނުފޫޒުގަދަ ބިލިއަނަރެއްގެ ގޮތުގައެވެ.

ޓެކްސްގެެ ގޮތުގައި ޓްރަމްޕް 750 ޑޮލަރު ދެެއްކި ކަމަށް ރިޕޯޓު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައިވާއިރު ޓްރަމްޕް ވަނީ ނިއު ޔޯކް ޓައިމްސްގެ ހަބަރު ދޮގުކުރައްވާފައެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ ޓެކްސް ފައިސާ އޭނާ ދައްކަމުންދާ ކަމަށާއި ޓެކްސް ބަޔާންތައް އާންމުކުރުމުން އެކަން ހާމަވާނެ ކަމަށެވެ. އަދި މިހާރު އެ ބަޔާންތައް އޮޑިޓު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެކްސް ބަޔާންތައް އާންމު ކުރުމަކީ ގާނޫނުން ލާޒިމް ކަމަކަށް ނުވި ނަމަވެސް 1970 ގެ އަހަރުތަކަށްފަހު އެމެރިކާގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އަންނަނީ ޓެކްސް ބަޔާންތައް އާންމު ކުރައްވަމުންނެވެ.

ޓްރަމްޕްގެ ޓެކްސް ބަޔާންތަކާ ގުޅޭގޮތުން ނިއު ޔޯކް ޓައިމްސް އިން ހަބަރެއް ރިޕޯޓުކޮށްފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ޓްރަމްޕް ވަރަށް ގަދައަށް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ރިޔާސީ އިންތިހާބުގައި ޓްރަމްޕް އާއި ވާދަކުރައްވާނީ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ.