Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކު: އަސްލަމް

އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖެއްގައެވެ.

އެގޮތުން މި މެސެޖުގައި އަސްލަމް ވިދާޅުވީ މިއަދު އަޒުމް ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހައި ކަންކަމާ ދުރުހެލިވެ، ހިތުގެ ވިންދު ޖެހުން ދުޅަހެޔޮކޮށް ބަހައްޓަން ކަމަށެވެ. އެގޮތުން އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މުޅި ދުނިޔެ ވެސް މިހާރު ހޭދަކުރަމުން މިގެންދަނީ ހިތާމަވެރި ދުވަސްތަކެއް ކަމަށާއި އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެންމެން ވެސް އަންނަނީ ހިތާމަތަކާއި ކުރިމަތިލަމުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިފަދަ ދުވަސްވަރެއްގައި ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރަންޖެހޭ. ކަސްރަތު ކުރުމާއި، ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި، ހިތްހަމަޖެހުން ލިބިގަންނަންޖެހޭ" އަސްލަމް ވިދާޅުވިއެވެ.

މިހާރު ހޭދަކުރަމުންދާ ހިތްދަތި ދުވަސްތަކުން އަރައިގަންނާނެ ކަމަށާއި ހުރިހާ ދިވެހިންނަށް ވެސް އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށްވެސް މިނިސްޓަރުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.