Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިންޑިއާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފި

އިންޑިއާގެ ޑޯނިއާ ފްލައިޓް - ފޮޓޯ: ސޯޝަލް މީޑިއާ

އިންޑިއާގެ އަސްކަރިއްޔާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

މިއީ އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ފްލައިޓެކެވެ.

އިންޑިއާ އެމްބަސީން ބުނީ މި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައި ކަމަށްވާއިރު މި ބޯޓުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.

މިބޯޓުގެ ބޭނުންކޮށްގެން ސަރޗް އެންޑް ރެސްކިޔު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ އިތުރުން އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްބަސީން ބުނެއެވެ.

ދިވެހި ސިފައިންނާ ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް އިންޑިއާ ޑޯނިއާ ފްލައިޓެއް މި މަހުގެ ކުރީކޮޅު ވަނީ ރާއްޖެ އައިސްފައެވެ. އެ އޮޕަރޭޝަން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ވަނީ ބަލާފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ޑޯނިއާ ފްލައިޓެއް ހަދިޔާކޮށްފައިވާއިރު، އެގައުމުން ރާއްޖެ އަށް މީގެކުރިން ވަނީ ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފައެވެ.