Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

އައްޑޫން ހުވަދޫއަށް ސީޕްލޭން ފެށުމަށް މޯލްޑިވިއަން އާއި އެކު އެއްބަސްވުމަކަށް

އައްޑޫ އާއި ހުވަދޫ ދެމެދު ސީޕްލޭންގެ ހިދްމަތް ފެށުމުގެ އެއްބަސްވުމުގައި މޯލްޑިވިއަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އާއި ދެމެދު އަންނަ ހޮނިހިރު ދުވަހު ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ ޓޫރިޒަމް އަލުން ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު ހުވަދޫގެ ރިސޯޓުތަކާއި ގަމާއި ގުޅާލުމަށް މޯލްޑިވިއަންގެ ސީޕްލޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސީޕްލޭން ފެށޭ ވަރުވާނެކަމަށް ގައިސު ވިދާޅުވިއެވެ.

ގައިސު ވިދާޅުވީ ސީޕްލޭންގެ ހިދްމަތް ފަށާނީ ގަމުގައި ހަދާފައިވާ ސީޕްލޭން ޓާމިނަލް މަރާމާތު ކުރުމަށްފަހު ކަމަށެވެ.

"މޯލްޑިވިއަން އާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން މިއަންނަނީ ސީޕްލޭން ފެށުމަށް، މިހާރު ދެން އޮތީ ދެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްލުން، މިބަލަނީ ނޮވެމްބަރު މަހު ދަތުރުތައް ފެށޭނެކަމަށް" ގައިސް ވިދާޅުވިއެވެ.

ގައިސު ވިދާޅުވީ މޯލްޑިވިއަން އާއި އެކު ހުވަދޫގެ ރިސޯޓުތަކަށް ދަތުރު ކުރުމަށް ގިނަ ރިސޯޓުތަކަށްވެސް ފަސޭހަ ވާނެކަމަށެވެ.

" މިހާރުވެސް ހުވަދޫގެ ރިސޯޓުތަކަށް ފަތުރުވެރިން މި ގެންނަނީ މޯލްޑިވިއަންއިން، އެހެންވެ ގަމުން ސީޕްލޭންގައި ފަތުރުވެރިން ސީދާ ރިސޯޓަށް ދެވޭނެ ގޮތްވުމަކީ ރިސޯޓުތަކުން ބޭނުންވާ ގޮތް، އެގޮތަށް އެެކަން ކުރެވެން އޮތީ މޯލްޑިވިއަންއަށް"

ގައިސު ވިދާޅުވީ ކުރިންވެސް މޯލްޑިވިއަންއިން އައްޑޫ ހުވަދޫގެ ސީޕްލޭން ދަތުރު ފެށުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް އެފަހަރު މޯލްޑިވިއަންގެ ބަދަލުގައި އޭއައިއޭއިން ހަމަޖެއްސީ ޓީއެމްއޭއެވެ.

އައްޑޫ އާއި ހުވަދޫ އާއި ދެމެދު ސީޕްލޭން އޮޕަރޭޝަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ އިރު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމް އަލުން ފަށައިގަންނަ އިރު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ބޭނުން ކުރުމަށް ވިސްނަމުންދާ ކަމަށެވެ.