Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިދިކޮޅުން ބާއްވަން އުޅުނު "ސްޓިއަރިން ކޮމިޓީގެ" އިންތިހާބު ފަސްކޮށްފި

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން އެ ޕާޓީތަކުގެ ކޮމެޓީތަކުގެ މެދުގައި ބާއްވަން މަސައްކަތް ކުރި "ސްޓިއަރިން ކޮމިޓީގެ" އިންތިހާބު ފަސްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އިންތިހާބު ފަސް ކުރީ އަންނަ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހަށް ކަމަށެވެ. މީގެކުރިން އިންތިހާބު ބޭއްވިމަށް އެ ކޯލިޝަނުން ނިންމާފައި އޮތީ އަންނަ މަހުގެ 16ވަނަ ދުވަހަށެވެ.

އިންތިހާބު ފަސް ކުރުމުން އިންތިހާބުގައި ވާދަކުރެވޭ މުއްދަތު ވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން އޮކްޓޫބަރު މަހުގެ 20 ގެ ކުރިން ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. ރަށްރަށުގައިނަމަ ވަގުތީ އިންތިހާބީ ކޮމިޓީ އަށް، މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުން ޕީޕީއެމްގެ އޮފީހަށް ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ.

އިދިކޮޅުން ބުނީ ކޮމެޓީތަކުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުނުވާ ޒުވާން މެންބަރުންނަށް ކަމަށެވެ.

އިދިކޮޅުން ބުނެފައި ވަނީ މި އިންތިހާބަކީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ބާއްވާ އިންތިހާބެއް ކަމަށެވެ. އަދި މި އިންތިހާބުގެ ސަބަބުން އަތޮޅު ތެރޭގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.