Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކުވެއިތުގެ އަމީރު އަވަހާރަވެއްޖެ

ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހު މިއަދު އަވަހާރަވެއްޖެއެވެ.

ކުވެއިތުގެ ރިޔާސީ ގަނޑުވަރުން ވަނީ އުމުރުފުޅުން 91 އަހަރުގެ އަމީރު އަވަހާރަވިކަން އިއުލާންކުރައްވާފައެވެ.

ޝައިހް ސަބާހު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސާޖަރީއަކާ ގުޅިގެން އިތުރު ފަރުވާ އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ އެމެރިކާ އަށް ވަޑައިގަންނަވަފާއެވެ. އޭގެފަހުން އެނބުރި ގައުމަށް ވަޑައިގެންފައިނުވާއިރު ޝައިހް ސަބާހު އާލާސްކަންފުޅާ އުޅުއްވީ ކޮން ބައްޔަކާއި ގުޅިގެން ކަމެއް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާ އާއި ގާތް ގުޅުމެއް ބޭއްވި ޝައިހް ސަބާހު ވަނީ ކުވެއިތުގެ ހާރިޖީ ވަޒީރުކަން ގާތްގަނޑަކަށް 40 އަހަރު ވަންދެން ފުރުއްވާފައެވެ. ކުވެއިތުގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ސަބާހު އެގައުމުގެ އަމީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.

ޝައިހް ސަބާހުގެ އަމީރު ކަމުގައި ވަނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޝައިހް ސަބާހު އަވަހާރަވުމާ ގުޅިގެން އެ މަގާމު ދެން ފުރުއްވާނީ އެގައުމުގެ ވަލީ އަހުދު ޝައިހް ނަވާފް އަލް ސަބާހު އެވެ. އުމުރުފުޅުން 83 އަހަރުގެ ނަވާފް ވަނީ ކުވެއިތުގެ އިސް މަގާމުތަކެއް މީގެކުރިން ފުރުއްވާފައެވެ.