Last Updated: April 25, 09:10
Thursday, April 25, 2024
ޚަބަރު

މަރު ކޮމިޝަންވެސް ވީނުވީއެއް ނޭގި މަރުވީތަ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އެއް ވައުދަކީ ވީނުވީއެއް ނެގި ގެއްލިފައިވާ މީހުންނާއި، ރަހުމް ކުޑަގޮތަކަށް މަރާލެވިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމެވެ.

މަރްހޫމު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ޒުވާން ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަންތައް ފާހަގަކޮށް އެފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާނެކަމަށް ވީވައުދެވެ.

ރައީސް ސޯލިހުގެ މި ވައުދުގެ ތެރެއިން 17 ނޮވެމްބަރ 2018 ވަނަ ދުވަހުވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި 2019 ވަނަ އަހަރު ވަނީ ރިޔާސީ ކަމިޝަންތަކަށް ބާރު ދިނުމަށް ގާނޫނެއް ފާސްކޮށްފައެވެ. ބޮޑެތި ފާޑު ކިއުންތައް އަމާޒުވި އެގާނޫނުގެ ދަށުން އަމިއްލައަށް ތަހުގީގުކުރުމާއި ކޮމިޝަނުން އަމިއްލަ އަށް ދައުވާކުރުމުގެ ބާރުވަނީ ލިބިދީފައެވެ.

މިހުރިހާ ބާރަކާއި އެކު ކަމިޝަނަށް 2 އަހަރު ފުރެނީއެވެ. އަދިވެސް މިއިން އާއިލާއަކަށް އިންސާފެއް ލިބޭނެ ކަމުގެ އަލިމަގެއް ނުފެނެއެވެ.

މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ކޮމިޝަން އުވާލަންޖެހޭކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ 14 ޖުލައި 2020 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ނުކުރެވޭކަމަށް ވިދާޅުވެ ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނަށް މަސައްކަތް ނުކުރެވޭ އިރު ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް އެ ކޮމިޝަނަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޮމިޝަންގެ މެމްބަރުންނަށް މިއަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ރައްޔިތުންގެ ފައިސާއިން ވަނީ 2،376،500.99 ރުފިޔާ ހަރަދުކޮށްފައެވެ. މިފަދަ ބޮޑު ހޭދައެއް ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ އިރު ކަމިޝަނަށް ކުރެވުނީ ކޮންކަމެއްތޯ ރައްޔިތުން އަންނަނީ ސުވާލު ކުރަމުންނެވެ.

މަރު ކޮމިޝަންގެ މަސައްކަތާއި މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަރާލާފައިވާ ޑރ. އަފްރާޝީމްގެ އާއިލާ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާގެ އިތުރުން ޔާމީން ރަޝީދުގެ އާއިލާގެ އިތުރުން ސިޔާސީ ފަރާތްތަކާއި އާއްމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މަރު ކޮމިޝަނުން މިހާތަނަށް ނެރުނު ބައެއް ރިޕޯޓު ތަކުން އެތައް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން އަހުމަދު ރިލްވާން ބޯ ބުރިކޮށް މަރާލާފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފައެެވެ. އަދި އެކަން ކުރި ގޮތާއި، ހަރަދު ކުރި މީހުންގެ ނަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅިގެން ލިބުނު އިތުރު ކުރިއެރުމެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން ވިދާޅުވީ ސަރުކާރުގެ ވައުދުވީ މަރުތަކުގެ ހަގީގަތް ހޯދައި އެ އާއިލާތަކާ މުޖުތަމައަށް ހަމަޖެހުން ގެނައުމަށެވެ. އެކަމަށް، މަރު ކޮމިޝަނަށް ގާނޫނޫ ހައިސިއްޔަތު ދީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރުމުން ފަހު ވަގުތު އިންސާފު ހޯދައި ނުދެވުނު ކަމަށް ބުނުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސު މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ސަރުކާރުން އިންސާފު ހޯދައި ދިނުމަށްވީ ވައުދު ފެއިލްވެފައިވާ ކަމަށެވެ.

"ކަމިޝަން ހަދައިގެން ކުރަނީ ބޮޑު އިސްރާފެއް!،ނަތީޖާ ނުނެރެވި، 2.3 މިލިއަނަށް ވުރެން ބޮޑު ޚަރަދެއް ކުރީ ކީއްވެތޯ ޕީޕީއެމް، ޕީއެންސީ ސަރުކާރަކުން ބަލާނެ،" ޝަރީފު ވިދާޅުވިއެވެ.

މަރު ކޮމިޝަންގެ މަސައްކަތް ލަސްވެ އިންސާފު ނުލިބި ދިގުލައިގެން ދާއިރު މިއަދު އެ ކޮމިޝަންގެ އަޑެއް ބަޑެއް ނީވެއެވެ. އެމީހުން މުސާރަ ބަރާބަރަށް ނަގައިގެން ތިބި އިރު ކަމިޝަންވެސް ވީނުވީއެއް ނޭގި މަރުވީތޯ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ރައީސް ސޯލިހުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ނުފުދި ދިގުލައިގެން ގޮސް ރައްޔިތުންގެ ފައިސާ އިސްރާފުވާން ދޫކޮށްލުން އެންމެ ރަނގަޅުތޯއެވެ.

ޑ. އަފްރާޝީމް އަލީ އާއި، އަހުމަދު ރިލްވާނާއި، ޔާމީން ރަޝީދުގެ އިތުރުން ދެންވެސް އަނިޔާވެރިގ ގޮތަކަށް މަރާލެވުނު މީހުންގެ މައްސަލަ ބެލުމަށް މަރު ކޮމިޝަން ގާބިލްތޯވެސް ރައްޔިތުން މިދަނީ ސުވާލު އުފައްދަމުންނެވެ. ކަމިޝަންތަކުގެ މަސައްކަތްދާ ގޮތް ބަލަން އިތުރު "ރިޔާސީ" ކަމިޝަނެއް ހަދައިގެންވެސް ރައްޔިތުންނަށް މިކަމަށް ޖަވާބެއް ބޭނުމެވެ.