Last Updated: April 27, 09:44
Saturday, April 27, 2024
ޚަބަރު

"ބިގް ބޮސް 14" އޮކްޓޫބަރު 3 ގައި ޕްރިމިއާ ކުރަނީ

އިންޑިއާގެ މަޝްހޫރު ޗެނަލެއް ކަމަށްވާ ކަލާސް އިން ދައްކަމުން އަންނަ ބެލުންތެރިންގެ މެދުގައި އިންތިހާއަށް މަޝްހޫރުކަން ހޯދާފައިވާ ޝޯވ އެއް ކަމަށްވާ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް އެ ޗެނަލުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ބިގް ބޮސް ރިއަލިޓީ ޝޯވ ގައި ފެނިގެން ދަނީ އާންމު ދިރިއުޅުމާއި ވަކިން އެކަމަށް ޚާއްސަކޮށްފައިވާ ގެއެއްގައި ހޮވާލެވޭ ބައިވެރިންތަކެއް އުޅެމުންދާ މަންޒަރެވެ. ތަފާތު އެކި ގޭމްތަކާއި، އެކި ފަންނާނުންގެ މެދުގައި ޖެހޭ މައްސަލަތަކާއި، އެކުވެރިކަން އަދި ގޭތެރެއިން އުފެދިގެންދާ ލޯބީގެ އެކި ގުޅުންތައް ދައްކުވައިދޭ މި ޝޯވ ވަނީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުކަން ހޯދާފައެވެ.

މި ދިޔަ އަހަރު ބޭއްވުނު މި ސިލްސިލާގެ 13 ވަނަ ސީޒަން ކާމިޔާބު ކޮށްފައިވަނީ ސިއްދާތް ޝުކްލާއެވެ. އާންމުކޮށް ފަންނާނުންގެ ފަރާތުން ނުފެންނަ، ނޭނގޭ އެތައް ހަގީގީ ކަމެއް މި ޝޯވގެ ތެރެއިން ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދެއެވެ. މި ޝޯވ ގައި ކުރިޔަށް ބައިވެރިން ފޮނުވުމަށް ވޯޓު ދެނީ ބެލުންތެރިންނެވެ. ކޮންމެ ހަފްތާއަކުވެސް ބެލުންތެރިންގެ ވޯޓު އެންމެ މަދުން ލިބޭ ބައިވެރިއެއް ޝޯވ އިން ވަކިވެގެން ދެއެވެ.

މި ފަހަރު ގެނެސްދޭ "ބިގް ބޮސް 14" ވެސް ހުށަހަޅައިދޭނީ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންއެވެ.