Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގު: ޔުވެންޓަސް އާއި ބާސާ އެއް ގްރޫޕަކަށް

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސް އާއި ލިއޮނަލް މެސީ ކުޅެމުން އަންނަ ބާސެލޯނާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

މީގެކުރިން ރެއާލް މެޑްރިޑްގައި ރޮނާލްޑޯ ހުރިއިރު މެސީ އާއި އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު މިއީ އޭނާ ޔުވެންޓަސް އަށް ބަދަލުވިފަހުން މެސީއާ ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރެވެ.

ޔުވެންޓަސް އާއި ބާސާ ލައްވާލާފައިވަނީ ގްރޫޕް ޖީ ގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ޑައިނަމޯ ކިއެވް އާއި ފެރެންކްވަރޯސީއެވެ.

ޗެމްޕިއަންސް ލީގުގެ އެހެން ގްރޫޕްތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން ބަޔާން މިއުނިކު ލައްވާލާފައިވަނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އެތްލެޓިކޯ މެޑްރިޑާއި، ސަލްޒްބާގް އާއި ލޮކޮމޯޓިވް މޮސްކޯ އެވެ.

އެންމެފަހުގެ ރަނަރަޕް ޕީއެސްޖީ ލައްވާލާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއި، ރެޑްބުލް ލީޕްޒިގް އަދި އިސްތަންބުލް ބަސަކްސެހީރް އާއި އެކު ގްރޫޕް އެޗްގައެވެ. ޕްރިމިއާ ލީގުގެެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް ލައްވާލީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އަޔެކްސް އާއި އެޓަލާންޓާ އަދި މިޖިލަންޑް އާއެކު ގްރޫޕް ޑީ ގައެވެ.

ޗެމްޕިއަންސް ލީގު 13 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް ލައްވާލާފައިވަނީ އިންޓަ މިލާނާއި ޝަހްތަރު ޑޮނެޓްްސްކް އަދި ބޮރޫޝިއާ މޮންޗެންގްލެޑްބެކާ އެކު ގްރޫޕް ބީ ގައެވެ.

އެހެން ގްރޫޕްތަކަށް ބަލާއިރު ޗެލްސީ އާއި ސެވިއްޔާ އަދި ރަޝިޔާގެ ކްރަސްނޮޑާ އާއި ރެނައިސް ލައްވާލީ ގްރޫޕް އީގައެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑާއި، ލާޒިޔޯ އަދި ޒެނިތްގެ އިތުރުން ކްލަބު ބްރޫޖް ލައްވާލާފައިވަނީ ގްރޫޕް އެފްގައެވެ.

މީގެއިތުރުން މި މުބާރާތުގެ ސެމީއަށް މިދިޔަ ސީޒަނުގައި ދަތުރުކުރި މެންޗެސްޓަރ ސިޓީ ލައްވާލާފައިވަނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޓޯ އާއި އޮލިމްޕިއާކޯސްގެ އިތުރުން މާސޭ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.