Last Updated: April 18, 13:36
Thursday, April 18, 2024
ކުޅިވަރު

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވެންޑޯސްކީ އަށް

މިިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަށް ލިބިއްޖެއެވެ.

މި އެވޯޑު ޕޮލެންޑަށް އުފަން ލެވެންޑޯސްކީ ހާސިލުކުރީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އާއި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއާ ވާދަކޮށެވެ. ލެވެންޑޯސްކީ އަށް ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑުގެ މަގާމު ވެސް ލިބިފައެވެ.

ލެވެންޑޯސްކީ މި އެވޯޑު ކާމިޔާބުކުރިއިރު މިދިޔަ ސީޒަނުގައި އޭނާ ވަނީ ބަޔާން އަށް ޖަރުމަނު ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އުމުރުން 32 އަހަރުގެ ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 47 މެޗުގައި 55 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.

މިދިޔަ ސީޒަނުގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ ސީޒަނުގެ އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ވުލްފްސްބާގްގެ ކެޕްޓަން ޕެނީލް ހާޑާ އެވެ. އަދި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ބަޔާންގެ ގޯލްކީޕަރު ނޯޔާ ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ބަޔާންގެ ޑިފެންޑަރު ޖޯޝުއާ ކިމިޗް އެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހާސިލުކުރީ ޑި ބްރޭނާއެވެ.

އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ބަޔާންގެ ކޯޗު ހަންސީ ފްލިކް ކާމިޔާބުކުރިއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ މިދިޔަ ސީޒަނުގެ އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިޔޯންގެ ކޯޗު ޖީން ލުކް ވަސެޔޯއެވެ.

މީގެއިތުރުން ޔުއެފާ ރައީސް އެލެގްޒެންޑާ ސެފެރިންގެ އެވޯޑް ލިބުނީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ އަށެވެ.