Last Updated: March 29, 02:52
Friday, March 29, 2024
ރިޕޯޓް

ދީމާގެ ހުނަރުވެރި ދުނިޔެއިން "ފެންކުލަ" އާއި "ބިޓްސް އޮފް ހެވަން"

ދީމާ އާމިރު އޭ ބުންޏަސް ފަހަރުގާ ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް ދީމާގެ އަތްތެރި މަސައްކަތަކީ ހަމަ ގައިމުވެސް އައްޑު އަށް އާ ކަންތައްތަކެއް ނޫނެވެ. އެގޮތުން އޭނާ އަޅާ ކޭކު ތަކާއި އަމިއްލަ އަތުން ތައްޔާރު ކުރާ ގަހަނާތަކާއި، ގަހަނާ ބަހައްޓާ ތަށިތައް އަންނަނީ އައްޑޫގެ އިތުރުން މުޅި ރާއްޖޭގައިވެސް މަގުބޫލުކަން ހޯދަމުންނެވެ.

ދީމާ އަކީ ކާކު؟

ސ. ހިތަދޫ ވިޜަން، ދީމާ އާމިރަކީ އުމުރުން 23 އަހަރުގައި އޭނާގެ ހުނަރުވެރި ކަމާއި ބުރަ މަސައްކަތުގެ ފޮނި މީރުކަން ހޯދަމުން އަންނަ ޒުވާނެކެވެ. އޮފީހެއްގައި މަސައްކަތް ކުރަމުންވެސް، އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތަށް ވަގުތު ހޯދައި، ކުރި އަރަމުން އަންނަ ޒުވާނެކެވެ. އެގޮތުން ކުރެހުމާއި އަތްތެރި މަސައްކަތަށް ޚާއްސަ ވިޔަފާރި އެއް ކަމަށްވާ "ފެންކުލަ" އާއި ކޭކު އެޅުމާއި އޭނާގެ ކޭކު ޒީނަތްތެރި ކުރުމުގެ ވިޔަފާރި "ބިޓްސް އޮފް ހެވަން" އޭނާ ދަނީ ހިންގަމުންނެވެ.

މިކަމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެތް؟

"އަބަދުވެސް އާރޓަށް ޝައުގުވެރިކަން ހުރޭ. ފިހާރައަކުން ކެންވަސްތަކެއް ފެނިގެން ފުރަތަމަ ކުރަން ފެށީ. އެކަމަކު އޭރު ވިޔަފާރި އެއްގެ ގޮތުގަ ނުފަށަން. ހަމަ ހޮބީ އެއް އޭރު. އެކަމަކު ފުރަތަމަ ދެ ޕެއިންޓިންގްސް ނިންމާފަ އާއިލާ އަށް ދެއްކީމަ އެމީހުން ދިން ހިތްވަރުން ފުރަތަމަ ވިޔަފާރި ފެށީ. އެއީ ފެންކުލަ." ދީމާ ކިޔާ ދިނެވެ. ނަމަވެސް މިހާރު ދީމާ ވަނީ ކުރެހުމަށްވުރެ ބޮޑަށް، އޭނާގެ އަތްތެރި މަސައްކަތް އެ ވިޔަފާރި މެދުވެރިކޮށް ކުރިއަރުވަން ފަށާފައެވެ. އެގޮތުން، ގަހަނާ، ތަޅުދަނޑިފަތީގައި ލައްވާ އެތިކޮޅު ތަކުގެ އިތުރުން، ގަހަނާ ބެހެއްޓުމަށް ގެންގުޅެވިދާނެ ރީތި ތަށިތަކެއް އޭނާ ދަނީ އުފައްދަމުންނެވެ.

މީގެ އިތުރުން، ދީމާ އަކީ މޮޅު ކޭކު ޑެކަރޭޓަރެކެވެ. އޭނާ ބުނާ ގޮތުން އެންމެ ފުރަތަމަ ކޭކު އެޅުމާއި ކޭކު ޒީނަތްތެރި ކުރުމަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. މަންމަ ކޭކު އަޅާތަން އަބަދުވެސް ފެންނަ ކަމަށާއި، ދީމާ ކުޑައިރު، އޭނާގެ އުފަންދުވަސް ތަކަށްވެސް ކޭކު އެޅީ އެނާގެ މަންމަ ކަމަށް ދީމާ ބުންޏެވެ. އެހާ ހިސާބުން، އޭނާގެ ޝައުގުވެރިކަން ވިޔަފާރި އަކަށް ބަދަލު ކުރުމަށް، 2017 ވަނަ އަހަރު އޭނާ ވަނީ ބޭސިކް ކޭކު ކޯހެއް ހަދާފައެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަޒީފާގައި ބުރަކޮށް އުޅެން ޖެހުމުން އެ މަސައްކަތް ކުޑަކޮށް މަޑު ޖައްސާލަން ޖެހުނެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު އޭނާގެ އާއިލާގެ މެމްބަރަކަށް ދޭން އޭނާ ކޭކެއް އެޅިއެވެ. އަދި އެހާ ހިސާބުން ޕޭޖެއް ހަދައި، ރަސްމީކޮށް ކޭކުގެ ވިޔަފާރި ފެށިއެވެ.

ކުރިމަތި ލާން ޖެހޭ ގޮންޖެހުން ތަކަކީ ކޮބާ؟

ދީމާ ބުނާ ގޮތުގައި އޭނާ ފުރަތަމަ ފަށައިގަތް އިރު ބޮޑެތި ގޮން ޖެހުންތަކާއި ކުރިމަތި ލާން ޖެހުނެވެ. އެގޮތުން އެންމެންވެސް ކުރެހުންތައް ރީތި ވެގެން އުޅުނު ނަމަވެސް، އެއްވެސް މީހަކު ކުރެހުންތައް ގަންނާކަށް ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ކުރެހުމުގެ ތެރޭގައި އުޅޭ އާޓިސްޓުންނަށް ރާއްޖޭގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުންނަކަމަށް ދީމާ ދެކެއެވެ.

ނަމަވެސް އޭނާގެ އަތްތެރި މަސައްކަތް ފެށުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ތަރުހީބު ލިބޭކަމަށް އޭނާ ބުންޏެވެ. އެގޮތުން އޭނާ ދަނީ ބައެއް ސާމާނު މާލެ އަށާއި ރަށްތަކަށް ވެސް އޯޑަރު ލިބޭ ވަރަކުން ފޮނުވަމުންނެވެ. ނަމަވެސް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ޑެލިވެރީ ކުރުމުގައި ބޮޑެތި ދަތިތަށް ދިމާވާކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް، މާލެ އާއި އެހެން ރަށްތަކަށް ތަކެތި ފޮނުވުމަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުކަމުން ކަސްޓަމަރުން ގެއްލޭ ކަން ދީމާ ވަނީ ފާހަގަ ކޮށްފައެވެ. ކިތަންމެ ކުޑަ އަދި ލުއި ސާމާނެއް ފޮނުވަން ޖެހުނަސް ކާގޯ ކޮށްފައި ފޮނުވާއިރު އަރާ ޚަރަދުތަކުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ދީމާ ބުންޏެވެ. ފެންކުލަ އާއި ބިޓްސް އޮފް ހެވަން، މި ދެވިޔަފާރީގައި ވެސް ގިނަ އެހެން ކުދި ވިޔަފާރިވެރިންނެކޭ އެއް ފަދައިން، ދީމާވެސް ކުރިމަތި ލާން ޖެހޭ އަނެއް ގޮން ޖެހުމަކީ ބޭނުންވާ ސާމާނު ހޯދުމަށް ދަތިވާ ދަތިވުމެވެ.

ނަމަވެސް ދީމާގެ އާއިލާ، ޚާއްސަ ކޮށް އޭނާގެ މަންމަގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އޭނާގެ މަންމަ ހުރިހާ ކަމެއްގައި އެހީތެރިވެ، ވަރަށް ހިތްވަރު ދޭކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ މަންމަ ކޭކުތަކާއި އެހެނިހެން ސާމާނުތައް ޑެލިވަރ ކުރާ އިރުވެސް އޭނާ އާއި އެކު ދާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، މާލޭގައި ހުންނަ، އޭނާގެ ބޯއިފްރެންޑް ގެ އެހީތެރިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މާލެއަށް ފޮނުވާ ހުރިހާ ސާމާނުތަކެއް މާލޭގެ ގެތަކަށް ޑެލިވެރީ ކުރުމުގައި ވެދޭ އެހީތެރިކަމާއި އެއްބާރުލުން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.

ދިމާގެ ވިޔަފާރި ތަކުގެ އެންމެ ޚާއްސަ ކަމަކީ ކޮބާ؟ 

"ޗޮކްލެޓް ކޭކާއި ބަޓަރ ކޭކު އެޅުމާއި ބަޓަރކްރީމް ބޭނުން ކޮށްގެން ޑެކަރޭޓް ކުރުން. އަދި ހަމައެކަނި އައިސިންގ މި ބޭނުން ކުރަނީ. ފޮންޑެންޓް ކޭކު ވަރަށް އަޅާ ހިތްވޭ، އެކަމަކު އަދި ރަނގަޅަށް ފޮންޑެންޓް ހަދަން ދަސްނުވާތީ އެކަން ނުފަށަން. އެކަހަލަ ކޭކު ކޯހެއް ބާއްވައިފިއްޔާ ބައިވެރިވާނަން." ދީމާ ބުންޏެވެ. އަދި އަތްތެރި މަސައްކަތުގެ ބައިން އޭނާ އެންމެ ކުރާ ހިތްވަނީ ރެސިންގެ މަސައްކަތް ކަމަށްވެސް އޭނާ ބުންޏެވެ.

މިވިޔަފާރި ތަކުގެ ކުރިމަގަކީ ކޮބާ؟

ދީމާގެ ވިސްނުން ހުރީ އަދިވެސް ގޭގައި މި މަސައްކަތް ކުރުމަށެވެ. އެގޮތުން، ގޭގައި ކޭކު އެޅުމަށާއި އަތްތެރި މަސައްކަތް ކުރުމަށް އޭނާ ބޭނުންވަނީ ކޮންމެވެސް ދުވަހަކުން، ވަކިން ޖާގައެއް އެކަމަށް ޚާއްސަ ކުރުމަށެވެ.

ދީމާގެ ކޭކު ތަކާއި އަތްތެރި މަސައްކަތުގެ ސާމާނު ގަންނާނީ ކިހިނެތް؟

ދީމާގެ ވިޔަފާރިތަކަށް އޯޑަރު ދިނުމަށް، ނުވަތަ ގަތުމަށް، ފޭސްބުކް ނުވަތަ އިންސްޓަގްރާމް މެދުވެރިކޮށް މެސެޖު ކޮށްލެވޭނެއެވެ. އެގޮތުން، ބިޓްސް އޮފް ހެވެން ގެ ފޭސްބުކް ޕޭޖަކީ https://www.facebook.com/bitsofheaven10/ އެވެ. އަދި އޭގެ އިންސްޓަގްރާމް އެކައުންޓަކީ https://instagram.com/bitsofheaven.__?igshid=348cmqhx4wss އެވެ. ފެންކުލައިން ގަހަނާއާއި އެހެނިހެން އަތްތެރި މަސައްކަތުގެ ސާމާނު ގަތުމަށް، ފޭސްބުކް ޕޭޖު: https://www.facebook.com/fennnnnnnkula/ އަދި އިންސްޓަގްރާމް ޕޭޖު https://instagram.com/fenkula._?igshid=1n3df9qharkvb މެދުވެރިކޮށް ދީމާއަށް މެސެޖު ކުރެވޭނެއެވެ.