Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

އައްޑޫ ޔޫތު ޗެލެންޖުގެ ޗެމްޕިއަންކަން ހިތަދޫ އެފްސީން ހޯދައިފި

އައްޑޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ މަގްސަދުގައި މީދޫ ޒުވާނުން އިންތިޒާމް ކުރި އައްޑޫ ޔޫތު ޗެލެންޖު 2020 (އޭވައިސީ 2020) ގެ ޗެމްޕިއިންކަން ހިތަދޫ އެފްސީން ހޯދައިފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ހިތަދޫ އެފްސީން ކާމިޔާބު ކުރީ މަރަދޫ އެފްސީ އާއި ވާދަކޮށް 1-0 ލަނޑުންނެވެ.

ފޯރިގަދަ ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ހިތަދޫ އެފްސީގެ ޖޯޒީ ނަންބަރު 17 އައިމަން ނަޒީރުއެވެ.

މެޗުގެ ދެވަނަ ހާފުގައި މަރަދޫ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑެއް ޖެހޭތޯ މަަސައްކަތްކުރިއެވެ. އެގޮތުން މެޗުގެ ފަހު ފަސް މިނިޓުގެ ތެރޭގައި ނަތީޖާ ހަމަހަމަ ކުރުމަށް މަރަދޫ ޓީމަށް ރަނގަޅު ފުރުސަތެެއް ލިބުނެއެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފި މެޗު ނިމުނީ ހިތަދޫ އެފްސީ މޮޅުވެގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަނޑު ޖަހައި ހިތަދޫ ޓީމު މޮޅުކޮށްދިން އައިމަން ނަޒީރުއެވެ.

މިއަދުގެ މެޗު ބެލުމަށް ހިތަދޫ، އަދި މަރަދޫގެ ގިނަ ބަޔަކު ވަނީ މީދޫއަށް ގޮސްފައެވެ.

މެޗަށް ފަހު ފައިނަލް މެޗުގެ ޝަރަފުވެރި މެހްމާން މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޒު ހަސަން ވަނީ އަންނަ އަހަރުވެސް މި މުބާރާތް ކުރިއަށް ގެންދާނެކަން އިއްލާންކޮށްފައެވެ. އަދި މުބާރާތަށް އައްޑޫ ސިޓީ ކައުންސިލުން އެހީތެރިވެދޭނެ ކަމަށް ހިޔާޒު ވިދާޅުވިއެވެ.

އޭވައިސީ 2020 ގައި މިއަހަރު 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ހިތަދޫ އެފްސީ، ހިތަދޫ އެފްސީ ޖޫނިއަސް، މީދޫ އެފްސީގެ އިތުރުން ހުޅުދޫ އެފްސީ، މަރަދޫ އެފްސީ އަދި ފޭދޫ ފާހިއެވެ.