Last Updated: March 28, 21:43
Thursday, March 28, 2024
ދުނިޔެ

ޓްރަމްޕް އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެ ހެނދުނު އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް ޓްރަމްޕް އާއެކު ގާތުން މަސައްކަތް ކުރެއްވި އިތުރު ބަޔަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ އަލާމާތްތައް ފެނި ހުން ވެސް އައުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އިއްޔެގެ ވަގުތެއްގައި ޓްރަމްޕަށް ވަނީ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ "ވޯލްޓާ ރީޑް ނެޝަނަލް މިލިޓްރީ މެޑިކަލް ސެންޓަރު" ގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

އަދި އެ ހޮސްޕިޓަލުގައި އޮންނަވައިގެން ވެސް ޓްރަމްޕް ރަސްމީ މަސައްކަތްތައް ކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ހާމަކުރެއެވެ. މީގެއިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް ގައުމުގެ ހިންގުން އަދިވެސް އޮތީ ޓްރަމްޕްގެ އަތްޕުޅު މަތީގައި ކަމަށާއި އެ ޒިންމާ އެހެން ފަރާތަކާއި އަދި ހަވާލުނުކުރާ ކަމަށްވެސް ވައިޓް ހައުސް އިން ހާމަކުރެއެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރުމުގެ ކުރިން އެމެރިކާގެ ރައްޔިތުންނަށް ފޮނުއްވި ކުރު މެސެޖެއްގައި ޓްރަމްޕް ވަނީ އޭނާގެ ހާލު ވެސް އަދި އަނބިކަނބަލުންގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ކަނބަލުންނަށް އަވަސް ޝިފާއަށް އެދޭ ހުރިހާ ފަރާތްތަކަށް ވެސް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ.