Last Updated: April 26, 23:59
Saturday, April 27, 2024
ކުޅިވަރު

ޕެލެސް އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލެސްގެ މައްޗަށް 4-0 އިން ޗެލްސީން ކުރި ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން ކުޅުނު ނަމަވެސް މި ހާފުގައި ގޯލެއް ކާމިޔާބު ކުރާނެ މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި ބެން ޗިލްވެލް ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. އަދި ޗިލް ނަގައިދިން ހުރަހަކުން މެޗުގެ 66 ވަނަ މިނެޓްގައި ކާޓް ޒޫމާ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލަކީ ވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު މި ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ.

މިއީ ލީގުގައި ޗެލްސީން ކުޅުނު ހަތަރުވަނަ މެޗު ކަމަށްވާއިރު، އޭގެތެރެއިން ދެ މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އަނެއް ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. އަދި ޕެލެސް ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.