Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު، މިހާރު ހުމެއް ނެތް

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

އިއްޔެ ހެނދުނު ކޮވިޑަށް ޕޮޒިޓިވްވިކަން ޓްރަމްޕް އިއުލާން ކުރިއިިރު، ޑޮކްޓަރުންގެ ލަފާގެ މަތިން އިއްޔެގެ ވަގުތެއްގައި ޓްރަމްޕް ވަނީ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސް އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައެވެ.

ޓްރަމްޕްގެ ހާލުކޮޅާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އޭނާގެ ޕާސަނަލްގެ ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވީ ޓްރަމްޕްގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅު ކަމަށާއި ޓްރަމްޕްގެ ގައިން ހުމުގެ އަސަރެއް ނެތި 24 ގަޑިއިރު ވެފައިވާ ކަމަށެވެ.

އަދި އޮކްސިޖަން ޓްރަމްޕަށް ދޭން ޖެހިފައި ނުވާ ކަމަށާއި ނޭވާ ލުމުގައި ވެސް ދަތިކަމެއް ނޫޅޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޓްރަމްޕްގެ ހާލު ރަނގަޅުވަމުން އަންނަ ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލާނެ ތާރީހެއް އަދި ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ އިތުރުން އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޓްރަމްޕް ޕޮޒިޓިވް ވުމާއެކު އޭނާއާއެކު މަސައްކަތް ކުރެއްވި އިތުރު ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ޓްރަމްޕްގެ ކެމްޕޭން މެނޭޖަރާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަދި ބައެއް އެޑްވައިޒަރުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެމެރިކާ އިން މިހާތަނަށް ހަތް މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ދޮޅު ލައްކަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.