Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމް އިން ހަ ގޯލް ޖަހައިފި

ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް އިން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު ޓޮޓެންހަމް މިހާރު އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ޓޮޓެންހަމް އަށް ވުރެ އެއް މެޗު މަދުން ކުޅެ ޔުނައިޓެޑް އޮތީ ތިން ޕޮއިންޓާއެކު ލީގުގެ 16 ވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފާނަންޑޭސް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. ނަމަވެސް ހަތަރުވަނަ މިނެޓްގައި އެންޑޮމްބެލޭ ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ސޮން ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފައެވެ.

ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 28 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. މި ރަތްކާޑު އޭނާ އަށް ދެއްކީ ބޯޅަ ނެތީ ޓޮޓެންހަމްގެ އެރިކް ލަމޭލާ އަށް ހަމަލާދިނުމާ ގުޅިގެންނެވެ. 10 ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ޔުނައިޓެޑުން ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ 30 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ޓޮޓެންހަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސޮން ޓޮޓެންހަމްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ 51 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސާޖް އޯރިއޭއެވެ. ޓޮޓެންހަމް އިން މި މެޗުގައި ކާމިޔާބުކުރި ހަވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކޭން އެވެ.

މިއީ ޕްރިމިއާ ލީގުގެ މެޗެއްގައި ޔުނައިޓެޑް ކޮޅަށް ހަ ގޯލު ވަތް ތިންވަނަ ފަހަރެވެ.