Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އެސްޓަން ވިލާ އަތުން ލަދުވެތިގޮތަކަށް ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އަތުން 7-2 އިން އެންމެފަހުން ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

މިއީ އެންމެ ފަހުގެ ޗެމްޕިއަނެއް ކޮޅަށް ޕްރިމިއާ ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި މިއީ ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެ ލިވަޕޫލް އެންމެ ތަފާތު ބޮޑުކޮށް ބަލި ފުރަތަމަ ފަހަރުވެސް މެއެވެ.

އެސްޓަންވިލާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް އޮލީ ވަޓްކިންސް ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި ޖެކް ގްރީލިޝް ވެސް ދެ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ޖޯން މެކްގިން އާއި އެޓީމާއި ދާދިފަހުން ގުޅުނު ރޮސް ބާކްލީ އެވެ.

މި މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ.

ރޭގެ މެޗަކީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލް ކޮޅަށް ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ވާދަވެރި އެވަޓަންއާއެވެ. ވިލާ ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.