Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ބޭރުމީހެއްގެ ދުލުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ އިންތައް

ޖަރުމަންވިލާތުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ފްރައިޑްރިކް އީބާރޓް ފައުންޑޭޝަނުގެ ފަރާތުން ސާކް ސަރަހައްދުގެ ގައުމުތަކުގެ އެކިދާއިރާތަކުގެ މީހުންނަށް ދައުވަތުދީގެން ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ޒިޔާރަތްކުރަން ނުވަދިހަނުވަވަނަ އަހަރު ލިބުނު ފުރުސަތެއްގައި އަޅުގަޑު ވިލާތަށް ދިޔައީމެވެ. ބެލްޖިއަމާއި ޖަރުމަނާއި ހޮލެންޑަށެވެ.

އެދަތުރުގެ ތެރޭގައި އެއްދުވަހަކު ޖަރުމަންވިލާތުގެ ޚާރިޖިއްޔާއަށް މިގުރޫޕްގެ މީހުން ގެންގޮސްގެން ސާކު ސަރަހައްދުގައި ބޭރު ގައުމުތަކުގެ އެހީގައި ހިންގިފައިވާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ބަދަލުކުރުމުގެ ވާހަކައެއްގެ ތެރެއިން ދިވެހިރާއްޖޭގެ ވާހަކަ ދަައްކާން ނުވަތަ ޕްރެޒެންޓޭޝަނެއް ދޭން އަޅުގަޑަށް ޖެހިއްޖެއެވެ. ހަމަ ކުއްލިއަކަށް ޖެހުނު ކަމެކެވެ. އަޅުގަޑުގެ ޚިޔާލަށް އެވަގުތު އައީ އިންޑިޔާގެ އެހީގައި ގާއިމުކުރެވުނު އައިޖީއެމް ހޮސްޕިޓަލާއި ޕާކިސްތާނުގެ އެހީގައި ބިނާކުރި ރައްޔިތުންގެ މަޖިލީސްކުރާގެއެވެ. އެހެންވެ މި ދެ މަޝްރޫއުގެ ވާހަކަ ކިޔައިދީފީމެވެ. އޭރު އައިޖީއެމްއެޗް ހުޅުވިތާ ހަތަރުފަސް އަހަރެއް ވެއްޖެއެވެ. މަޖިލިސް އިދާރާ ކިރިޔާ ހުޅުވުނީއެވެ.

އެއްވުން ނިމިގެން އެދުވަހު މެންދުރު ރެސްޓޯރަންޓެއްގައި ކާންތިބެފައި އަޅުގަޑުމެންގެ މެންބަރުންގެ މެދުގައި އަޅުގަޑު ދެއްކި ވާހަކައިގެ މައްޗަށް ބަހުސެއް ފެށިއްޖެއެވެ. ރާއްޖެއިން ދިޔަ ގްރޫޕްގައި ސާކުގެ އެންމެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އިންޑިޔާގެ ކޭ.ކޭ ބަރުގަވާ އާއި ޕާކިސްތާނުގެ ކުރީގެ މިނިސްޓަރެއް ކަމުގައިވާ ޖާވީދު ޖައްބާރުވެސް ހިމެނިވަޑައިގެންނެވިއެވެ. ބަހުސް ފެށުމުގެ ސިއްރަކަށްވީ ރާއްޖެ ކަހަލަ ގައުމަކަށް ބޮޑަށް ބޭނުމީ ހޮސްޕިޓަލެއްތޯ ނުވަތަ ރައްޔިތުންގެ މަޖިލީސް ކުރާ ގެއެއްތޯ ޖާވީދު ޖައްބާރު އުފެއްދެވި ސުވާލެކެވެ. އޭނާގެ ނަޒަރުގައި މުހިންމީ ޑިމޮކްރަސީގެ ބިންގަލެކެވެ. އެހެންވީމާ މަޖިލީސްކުރާގެއެވެ.

ފްރައިޑްރިކް އީބާރޓް ފައުންޑޭޝަންގެ ދައުވަތަކަށް ޖަރުމަނަށް ދިޔަ ސާކުގެ މަންދޫބުން ޖަރުމަނުގެ ހާރިޖިއްޔާގައި

ބަރުގަވާގެ ޚިޔާލުފުޅު ތަފާތެވެ. އޭނާ ވިދާޅުވީ ރައްޔިތުން ބަލައިގަންނާނީ އަދި ހަނދާންވެސް ހުންނާނީ އެމީހުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެއްކަމުގައެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ ރައްޔިތުންނަށް މުހިންމުވާނީ ހޮސްޕިޓަލެއް ކަމުގައެވެ. މި ބަހުސްގެ ތެރެއަށް ނޭޕާލުގެ ޑރ ޝްރީދާރު ކާތުރީއާއި ސިލޯނުގެ ޑރ ތާރާ ޑިމެލްވެސް ވެދެވަޑައިގެންފިއެވެ. އެދެބޭފުޅުންގެ ނަޒަރުގައިވެސް ރާއްޖެއަށް މުހިންމީ ހޮސްޕިޓަލެކެވެ. އެހެންވީމާ ރާއްޖޭގެ ރައްޔިތުންނަށް އެތައްގޮތަކުން ހެވީ އިންޑިޔާގެ ހަދިޔާއެވެ.

ޑރ ތާރާ ޑިމެލްއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ ހުއްޖަތު ދެއްކެވީ ސިއްހީ ދާއިރާއިންނެވެ. ޑރ ސްރިދާރު ކާތުރީއަކީ މެޑިކަލް ޑޮކްޓަރެއް ނޫނެވެ. ޕޮލިޓިކަލް ސައިންސުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެކެވެ. ނޭޕާލުގެ ތުރީބުވަން ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައެންސް ފެކަލްޓީގެ ވެރިޔަކީވެސް އޭނާއެވެ. އެހެންވީމާ ޑރ ކާތުރީ ހުއްޖަތު ދެއްކެވީ ބައިނަލްއަގުވާމީ ގުޅުންތަކާއި ކުދި ގައުމުތަކުގެ މައްޗަށް ބޮޑެތި ގައުމުތަކުން ނުފޫޒު ފޯރުވާ ގޮތްތަކުން މިސާލު ދައްކަވައިގެންނެވެ.

ޑރ ކާތުރީ ވިދާޅުވިއެވެ. ރާއްޖޭގައި ޕާކިސްތާނުން ގާއިމުކޮށްދިން ޕާލަމަންޓު އިމާރާތުގައި ޕާކިސްތާނު މީހުންނެއް ނުތިބޭނެއެވެ. ތިބޭކަށް ހަނި ފުރުސަތެއްވެސް ނޯންނާނެއެވެ. އެތާގައި ތިބޭނީ ދިވެހި ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނެވެ. ޕާކިސްތާނުން ކަމެއްކޮށް ދިންކަމެއްވެސް އަހަރުތަކެއް ފަހުން ހަނދާނެއް ނުހުންނާނެއެވެ.

އެކަމަކު އިންޑިޔާއިން ގާއިމުކޮށްދިން ހޮސްޕިޓަލް ވަރަށް ތަފާތެވެ. އެތާގައި އިންޑިޔާގެ ޑޮކްޓަރުންނާއި ނަރުހުން ތިބޭނެއެވެ. އެކި ކަންކަމުގެ ފަންނީ މީހުންވެސް ތިބޭނެއެވެ. އެހެންވީމާ ދިވެހިރާއްޖެއަށް ކަމެއްކޮށްދެވުމުގެ އިތުރަށް އިންޑިޔާ އެވަނީ އިންޑިޔާއަށްވެސް ކަމެއްކޮށްދީފައެވެ. އިންޑިޔާގެ ރައްޔިތުންނަށް ވަޒީފާގެ އައުބާޒާރެއްވެސް ވަނީ ހުޅުވައިދީފައެވެ. މިސަބަބަށްޓަކައި އެ ހޮސްޕިޓަލަކީ އިންޑިޔާގެ ބޭހެކެވެ. އޭގެ ފައިދާ ދެގައުމަށް އެއްވަރެވެ.

ޑރ ކާތުރީގެ ވާހަކަފުޅަށް އެންމެންވެސް ތާއީދުކޮށްފިއެވެ. ޖާވީދު ޖައްބާރުވެސް އެއީ ރަގަޅު ވާހަކަފުޅެއްކަމަށް އެއްބަސްވެވަޑައިގެންފިއެވެ. އެކަމަކު ކޭ.ކޭ ބަރުގަވާ އަނެއްކާވެސް އެހެން މިސްރާބަކުން ވާހަކަފުޅު ފައްޓަވައިފިއެވެ. ވިދާޅުވިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ޚާރިޖީ ސިޔާސަތުގެ ބިންގަލަކީ ވަކިއަތަކަށް ނުޖެހުމެވެ. ޚާއްސަކޮށް ދެކުނު އޭޝިޔާގެ ތިލަފަތަށް ގުޑުންއަރުވައިނުލުމެވެ. އެހެންވީމާ ދިވެހިރާއްޖޭގައި އިންޑިޔާގެ މަދަނީ ބޭހެއްވިޔަސް އަސްކަރީބޭހެއް ވިޔަސް ގާއިމުކުރަން އެއްބަހެއް ނުވާނެއެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް މަގަކީވެސް އެއީއެވެ.

މިހިސާބުން އަޅުގަޑު ސުވާލެއް އުފައްދައިފީމެވެ. ކޭ.ކޭ ބަރުގަވާއަށެވެ. އިންޑިޔާގެ ޚާރިޖިއްޔާގައި ގިނަ ދުވަހު އުޅުއްވައި އަދި ސާރކް ޖަމާއަތް އުފެދިގެން އެޖަމާއަތުގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް ކަންވެސް ކުރެއްވި ބޭފުޅަކަށްވާތީއެވެ. އަޅުގަޑު އަހައިފީމެވެ. ދިވެހިރާއްޖޭގެ ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތު ބަލައިގަތުމާއި އެސިޔާސަތަށް އިހުތިރާމްކުރުމަކީ އިންޑިޔާއަށް ފަސޭހަކަމަކަށް ވެދާނެތޯއެވެ. އެކަމާމެދު އިންޑިޔާގެ ވިސްނުމަކަށްވާނީ ކޮންކަހަލަ ވިސްނުމެއްތޯއެވެ.

ވަރަށް ބޮޑަށް ހިނިފުޅުވަޑުވާފައި ބަރުގަވާ ވިދާޅުވިއެވެ. އިންޑިޔާއަށް މައްސަލަ ޔަކަށްވާން ޖެހޭ ސަބަބެެއް ނެތެވެ. އެކަމަކު އިންޑިޔާގެ ސްޓްރެޓީޖިކް އަމާޒުތަކަށް ހުރަސްއެޅޭ ފަދަ ހާލަތަކަށް ރާއްޖެ އަތުވެއްޖެނަމަ އެކަން މައްސަލަޔަކަށްވާނެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކޯޅުންތަކުގައި ރާއްޖެއިން ކޮޅުކޮޅު ޚިޔާރުކޮށް އިންޑިޔާގެ މަސްލަހަތު ތަންނުދޭ ހިސާބަކަށް ގެންގޮސްފިނަމަ އެހެން ވިސްނުމަކަށްދާން މަޖުބޫރުވެދާނެއެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާޔާ ގުޅިގެން ދިވެހިރާއްޖޭގެ އެދުމަކަށް އިންޑިޔާ ސިފައިން ރާއްޖެގޮސް އެކުރިކަމެއް ކޮށްފައި ފައިބައިގެންގޮސްފި ނޫންހެއްޔެވެ. ދެމިތިބޭކަށް ހަންފަތުރާކަށް ނޫޅޭނޫންހެއްޔެވެ. މިއީ މިހާރު ކަންކަން ފެންނަގޮތެވެ.

ބަރުގަވާ ވިދާޅުވެފައި އެވަނީ އޭރުގެ ވާހަކައެވެ. މިހާރު އިންޑިޔާ ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އިންޑިޔާގެ އެހީގައި އިތުރުތަންތަންވެސް ވަނީ އިމާރާތްކުރެވިފައެވެ. އޭގެތެރެއިން އެއްތަނަކީ އައްޑޫގައި ގާއިމުކުރާ ޕޮލިސް ޓްރޭނިން މަރުކަޒެވެ. އޭރާއި މިހާރުގެ ތަފާތަކީ ކޮބައިބާވައެވެ. ރާއްޖެއިން ގެންގުޅުނު ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތު ބަދަލުވީ ހެއްޔެވެ. ދިވެހީންނަށް އަދާކުރަން ޖެހިފައިމިވަނީ އެބަދަލުގެ އަގުހެެއްޔެވެ؟ ދިވެހިން އިންޑިޔާ ނިދާފައިވަނިކޮށް ހޭއަރުވައިލީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެހެން ލިޔުމެއްގައި ނުވަތަ ލިޔުންތަކެއްގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.