Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެއްބަސްވީ އަދީބު 20 އަހަރަށް ޖަލަށްލާން، ހުކުމް ކުރުން ހަވީރު

އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަށް އިއުތިރާފުވެވަޑައިގަތުމުން އަދަބެއްގެ ގޮތުގައި އަދީބާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ 20 އަހަރަށް ޖަލަށް ލުމަށް ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދު އަޑުއެހުމުގައި ދައުލަތުން ވަނީ އަދީބަށް އުފުލި ދައުވާތަކަށް އޭނާ އިއުތިރާފްވުމުން އަދަބެއްގެ ގޮތުގައި ޖުމްލަ 20 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް އެއްބަސްވެފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

މި އެއްބަސްވުމާއި މެދު އިއުތިރާޒެއް އޮތްތޯ އަދީބާއި ގާޒީ ސުވާލު ކުރެއްވުމުން އޭނާ ވަނީ މައްސަލައެއް ނެތް ކަމަށާއި އޭނާ ހުންނެވީ މިކަމުގައި އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

މި ހަތް ދައުވާ ވެސް އަދީބުގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ގާޒީ ވިދާޅުވިއިރު، މި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިއަދު ހަވީރު ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ ކޯޓުގެ ހުއްދަޔާއެކު އަދީބު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.