Last Updated: April 19, 17:23
Friday, April 19, 2024
ވިޔަފާރި

އިގްތިސާދު ކުރިއަރާ ކަމުގެ ނިޝާންތައް އެބަ ފެނޭ: އެމްއެމްއޭ

އެމްއެމްއޭ - ފޮޓޯ: ސަން

ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ފެންނަމުންދާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައި ކަމަށެވެ. އެހެންނަމަވެސް އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް މިހާރު ފެންނަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިގޮތުން މިއަހަރުގެ ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވުމާއި ގުޅިގެން ރާއްޖެ އަށް ވަނީ އެމަހުގެ ނިޔަލަށް 1752 ފަތުރުވެރިން ޒިޔާރަތްކޮށްފައި ކަމަށާއި އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ މަހުންމަހަށް އިތުރުވަމުންކަން އެމްއެމްއޭ އިން ފާހަގަކުރެއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 18،918 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި އަދި އެވެރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް އިތުރުވަމުންދާ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ހަ ދުވަހު ކަމަށްވީ ނަމަވެސް މި ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މުއްދަތު 9 ދުވަހަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުން އިމާރާތްކުރުގެ ސިނާއަތްވެސް މަޑުމަޑުން ކުރިއަރަމުންދާކަން މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްއޭ އިން މިއަދު ވަނީ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަން ވެސް ހާމަކޮށްފައެވެ.