Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

އިންޑިއާގެ ސަމާލުކަން އަބަދުވެސް އައްޑޫއަށް!

އިންޑިޔާގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިއެވެ. މިދަތުރުފުޅު ފެއްޓެވުމުގެ ދެ ހަފުތާކުރިން އިންޑިޔާގެ ޚާރިޖިއްޔާއިން ދިވެހިރާއްޖޭގެ ހަތަރު ނޫސްވެރިޔަކަށް ދައުވަތުދީގެން ނިއުދިއްލީއަށް ގެންގޮސް ބޮޑުވަޒީރު ވަޖްޕާއީއާ ބައްދަލުކުރުވައި ސުވާލުތައް ކުރުވައި ދެގައުމުގެ ގުޅުމާމެދު ލިޔުންތަކެއް ލިޔާން އެދުނެވެ.

ދިވެހި ނޫސްވެރިންގެ ގްރޫޕުގައި އަޅުގަޑުވެސް ހިމެނުނެވެ. ބޮޑުވަޒީރު ވަޖްޕާއީއާ ބައްދަލުކުރެވުނެވެ. ސުވާލުތަކެއްވެސް ކުރެވުނެވެ. ޖަވާބުތަކެއްވެސް ލިބުނެވެ. އިންޑިޔާގެ ޚާރިޖިއްޔާގެ އެކިފަންތީގެ ވެރިންނާ ބައްދަލުކުރެވުނެވެ. ޚިޔާލުތައް ބަދަލުކުރެވުނެވެ. އަދި އިންޑިޔާގެ ސީނިއަރ ބައެއް ނޫސްވެރިންނާވެސް ބައްދަލުކުރެވި ރާއްޖެއާއި އިންޑިޔާގެ ގުޅުން އޮންނާންވީގޮތް ކަމަށް އެމީހުންނަށް ފެންނަ ގޮތްގޮތާމެދުވެސް ޚިޔާލު ބަދަލުކުރެވުނެވެ.

ނިއުދިއްލީގައި ބޮޑުވަޒީރު ހުންނަވާ ރަސްމީ ގެޔަށް ކިޔަނީ ޕަންޗަވަތީއެވެ. އެތަނަށް ގެންދިޔައިރު އަޅުގަޑުމެންނަށް ހީކުރެވިފައިއޮތީ ބޮޑުވަޒީރު ވަޖްޕާއީ އަޅުގަޑުމެންނާ ބައްދަލުކުރައްވާނީ ޕްރެސް ކޮންފަރެންސެއްގައި ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. ކޮންމެ މީހަކު ގެންގޮސް ބޮޑުވަޒީރުގެ އަރިހުގައި ދެމިނިޓެއް ހާއިރު ބައިންދާފައި ފޮޓޯ ނަގާފައި ދެން އަނެކަކު ގެންދަނީއެވެ. އަރިހުގައި ސުވާލެއް ދެންނެވިޔަސް އެސުވާލަކަށް ޖަވާބެއް ނުދެއްވައި ދައްކަވަނީ އޭނާގެ ހިތްޕުޅަށް އައި ވާހަކައެކެވެ. އަޅުގަޑު ކުރެން އެއްސެވީ ދިވެހިރާއްޖޭގެ އާބާދީއަށްވުރެ ގިނަ ފަތުރުވެރީން އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރުމުގެ ސިއްރަކީ ކޮބައިހެއްޔެވެ.

މިޒާތަކުން ފޮޓޯ ސެޝަން ނިމުނީމާ އެތަނުން ނެރެފައި އަޅުގަޑުމެންގެ ކޮންމެ މީހެއްގެ އަތަށްދިނީ ބޮޑު ބަޔާނެކެވެ. އޭގައި އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިވާންވީ ސަބަބުތަކާއި ދިވެހިރާއްޖެ އާއި މެދު އިންޑިޔާގެ ތަސައްވުރާއި ސަރަހައްދީ ސުލްހަޔާއި ހަމަޖެހުމަށްޓަކައި އިންޑިޔާގެ ވިސްނުން ބޮޑުވަޒީރު ވަޖްޕާއީ ވަނީ ހާމަކުރައްވާފައެވެ. އިތުރު ސުވާލެއް ނުދެންނެވިއަސް ފުދިއިތިރުވާ ވަރަށް ކަންކަން ތަފްސީލުކޮށްދެއްވާފައިވެއެވެ.

ދިވެހި ނޫސްވެރިންގެ ޝަރަފުގައި އެއްރޭ ނިއުދިއްލީގެ ޝެރެޓަން ހޮޓަލުގައި ޚާރިޖިއްޔާގެ ތަރުޖަމާން ނިރުޕަމާ ރޯއީ ރޭގަނޑުގެ ކެއުމެއް ދެއްވިއެވެ. އޭނާއަކީ ފަހުން އިންޑިޔާގެ ފޮރިން ސެކްެރެޓަރީއެވެ. މިކެއުމުގައި ޚާރިޖިއްޔާގެ ޕްރެސް ޑިވިޝަނުގެ އެންމެންނާއި ނިއުދިއްލީގައި ގާއިމުވެތިބޭ ސީނިއަރ ގިނަ ނޫސްވެރިންވެސް ބައިވެރިވިއެވެ.

އަޅުގަޑާއި ޖެހިގެންއިނީ ދަހިންދޫއޭ ކިޔާ ނޫހުގެ ކޮންމެވެސް އެޑިޓަރެކެވެ. އޭނާ އަޅުގަޑު ކުރެން އަހަނީ އަޅުގަޑު ނިސްބަތްވަނީ ރާއްޖޭގެ ކޮން ސަރަހައްދަކަށްތޯއެވެ. އެންމެ ދެކުނުން އައްޑުއަތޮޅޭ ދެންނެވީމާ އޭނާޔާއި ދެންވެސް ކައިރީގައި ތިބި އިންޑިޔާގެ އެހެން ނޫސްވެރިންގެ ސަމާލުކަން އިހުނަށްވުރެ ބޮޑުވެ ވަރަށް ގިނަ ސުވާލުތައް ކުރާންފަށައިފިއެވެ.

އަޅުގަޑު ކައިރިން އެންމެ ފުރަތަމަވެސް އެހީ އައްޑުއަތޮޅުގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ އަތޮޅުގެ ރައްޔިތުން މަރުހަބާ ކިޔާނެކަމެއްތޯއެވެ. އަޅުގަޑު ނޫނެކޭ ދެންނެވީމާ ދެން އަހަނީ އިނގިރޭސިންގެ ސްޓޭޖިން ޕޯސްޓު ގާއިމުކުރަން ގަމުން ބޭލި މީހުން އެހެން ރަށެއްގައި އާބާދުކުރުމުގެ ތަޖުރިބާ ރަގަޅުކަމަށް ގަބޫލުކުރަންތޯއެވެ. ނޫނެކޭ ދެންނެވީމާ އަހަނީ މުޅި އަތޮޅަކުން މީހުން ބާލައި އެހެން ހިސާބެއްގައި ވަޒަންވެރި ކުރުވުމަކީ ވެދާނެކަމެއްތޯއާއި އެފަދަ ކަމަކާމެދު ރައްޔިތުންގެ ވިސްނުން ހުންނާނީ ކޮންގޮތަކަށްތޯއެވެ. ދެންނެވީމެވެ. އެކި ސަބަބުތަކާ ގުޅިގެން ރަށްރަށުން މީހުން ބާލައި އެހެން ރަށްރަށުގައި ވަޒަންވެރި ކުރުވުމަކީ އަބަދުވެސް ހިނގާ ކަމެކެވެ. އެކަމަކު މުޅި އަތޮޅެއް ހުސްކޮށް އެހެން ތަނެއްގައި އާބާދުކުރުމަކީ ދިވެހިރާއްޖޭގައި ދުވަހަކުވެސް ހިނގާފައިވާ ކަމަކަށްނުވާތީ އެޔާދޭތެރޭ އެއްޗެއް ދަންނަވާން ދައްޗެވެ. ދިވެހީންނަކީ އަމިއްލަ ފަސްގަޑުދޫކޮށްފައި އެހެން ތަނެއްގައި ވަޒަންވެރިވާން ނުރުހޭ ބަޔެއްކަމަށް ތަޖުރިބާއިން ސާބިތުވެފައިވެއެވެ.

އެއީ ދެހާސްދެވަނަ އަހަރެވެ. މީގެ އަށާރައަހަރު ކުރިއެވެ. އޭރު މިސުވާލުތަކުގެ ސަބަބާމެދު މާބޮޑު ސީރިއަސް ވިސްނުމެއް ނުގެންގުޅެމެވެ. އެކަމަކު މިހާރު ކަންތައް ފުރޮޅެމުން ނިއުޅެމުންދާގޮތް ފެނިފައި އެހަނދާންތައް އާވެގެންފިއެވެ. ގަމުން ބޭލި މީހުން ފޭދޫގައި ދިރިއުޅެނީ އުފަލުގައިތޯ ދެނެގަންނަން އިންޑިޔާގެ ނޫސްވެރިން ބޭނުންވަނީ ކީއްވެގެންބާވައެވެ. އިތުރު ރަށަކުން މީހުން ބޭލުމުގެ ވިސްނުމެއް ގެންގުޅެނީ ބާވައެވެ. މުޅިއަތޮޅު ހުސްކޮށްފިއްޔާ ރައްޔިތުންގެ ވިސްނުން ހުންނާނޭގޮތް ދެނެގަތުމުގެ އެދުން އުފެދުނީ ކީއްވެގެންބާވައެވެ. މުޅި އައްޑުއަތޮޅު ހުސްކޮށްފައި އެތާގައި އިންޑިޔާ ސިފައިންގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅެނީ ހެއްޔެވެ.

މިއީ އަޅުގަޑުގެ ވިސްނުންފޯރާ ކަންކަމެއް ނޫނެވެ. އަޅުގަޑަށް އެނގޭ މިންވަރަކީ ދިވެހިރާއްޖޭގައި އިންޑިޔާގެ ބާރުއޮތުމާއި އިންޑިޔާގެ ސިފައިން ދާއިމީގޮތެއްގައި ރާއްޖޭގެ ދެކުނުގައި ތިބުމަކީ އިންޑިޔާގެ ނޫސްތަކުން ވަރަށް ކުރީއްސުރެ ތިލަކުރަމުން ދައްކަމުން އަންނަ ވާހަކައެއްކަމެވެ. އަޅުގަޑާއި މިޒާތުގެ ސުވާލުތަކެއްކުރީ ޚާރިޖިއްޔާގެ ތަރުޖަމާނުވެސް އިންނަވަނިކޮށް ކަމެވެ. އެހެންވީމާ މިއީ ފުޅާކޮށް އެއުރެންގެ މެދުގައި މަޝްވަރާކުރެވޭ ކަމަކަށްވުމަކީ ވަރަށް ގާތްކަމެކެވެ. މިހާރު ކަންތައް އެނބުރެމުން ތިލަވަމުންދާގޮތުން މިރާއްޖެއާމެދު ވަކީން ޚާއްސަކޮށް އައްޑުއަތޮޅާމެދު އިންޑިޔާގެ ދުރު ރާސްތާގެ ސްޓްރެޓީޖިކް ޕްލޭނެއް ރޭވިފައި އޮތުމަކީ ގާތްކަމެކެވެ.