Last Updated: April 27, 06:00
Saturday, April 27, 2024
ދުނިޔެ

ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އުމުރުފުޅުން 74 އަހަރުގެ ޓްރަމްޕް ހޮސްޕިޓަލުގައި ތިން ދުވަސް ހޭދަކުރެއްވިއިރު، ހުމުގެ އަސަރެއް އޭނާގެ ގައިން ނުފެންނަތާ 72 ގަޑިއިރު ވެފައިވާ ކަމަށް ޓްރަމްޕްގެ ޑޮކްޓަރުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ޓްރަމްޕް އެނބުރި ވައިޓްހައުސް އަށް ވަޑައިގެންފައިވާއިރު، ފަރުވާގެ ކަންކަން ދެން ކުރިއަށްގެންދާނީ އެތަނުގައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ހާލު ވަރަށް ރަނގަޅު ކަމަށާއި މީގެ 20 އަހަރަށް ވުރެ ވެސް ރަނގަޅުކަމުގެ އިހުސާސް ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް ދެކެ ބިރު ނުގަތުމަށް ވެސް ޓްރަމްޕް ވަނީ ގޮޮވާލާފައެވެ.

ޓްރަމްޕް ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ކެމްޕޭން އިވެންޓުތަކަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޓްރަމްޕްގެ އިތުރުން އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ޓްރަމްޕް ޕޮޒިޓިވް ވުމާއެކު އޭނާއާއެކު މަސައްކަތް ކުރެއްވި އިތުރު ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ޓްރަމްޕްގެ ކެމްޕޭން މެނޭޖަރާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަދި ބައެއް އެޑްވައިޒަރުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެމެރިކާ އިން މިހާތަނަށް ހަތް މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ދޮޅު ލައްކަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.