Last Updated: April 25, 17:01
Thursday, April 25, 2024
ރިޕޯޓް

ޕާކިސްތާނުގެ ނަޒަރުގައި ނޮވެބަރު 3 ގެ ހަމަލާ: ވަޅިހަރާފައި ބެންޑޭޖުކޮށްދިނުން

ޕާކިސްތާނުގެ ޚާރިޖިއްޔާއިން ދިން ދައުވަތެއްގައި 2004 ވަނަ އަހަރު އަޅުގަޑު ނޫސްވެރިކަމުގެ ދިރާސާ ދަތުރެއްގައި ޕާކިސްތާނަށް ދިޔައީމެވެ. ކަރާޗީއާއި ލާހޯރާއި މުޒައްފަރުއާބާދާއި ޕިޝާވަރަށް ދަތުރުކޮށް މުވައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތާގެ ވެރީންނާ ބައްދަލުވެ ވާހަކަ ދެކެވުނެވެ. އަފްގާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރާއި ކަޝްމީރުގައި އިންޑިޔާއާއި ޕާކިސްތާނު ވަކިކުރާ ލައިން އޮފް ކޮންޓްރޯލާއި ޕަންޖާބުގައި ދެގައުމުގެ އިންވަކިކުރާ ރޮގަށް ޒިޔާރަތްކޮށް މަސްރަހު އެންމެގާތުން ބަލައިލުމުގެ ފުރުސަތުވެސް ލިބުނެވެ.

މިދަތުރުގެ އެންމެ ބޮޑެތި ހަނދާންތަކުގެ ތެރެއިން އެއްކަމަކީ ކަޝްމީރުގެ ނީލަމްވާދީގައި ދުއްވުމާއި އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ދޭތެރެ ދޭތެރެއިން ބަދަލުކުރާ ހަމަލާތަކުގެ އަސަރު އަމިއްލަޔަށް ފެނުމެވެ. ދެވަނަކަމަކީ ޕަންޖާބުގެ ވަގާހ ބޯޑަރ ޕޯސްޓަށްގޮސް އިންޑިޔާ ސިފައިންނާއި ޕާކިސްތާނު ސިފައިން ދެގައުމުގެ ދިދަ ތިރިކުރާ މަންޒަރު ބެލުމެވެ. އެއީ ވަރެއްގެ ކަމެކެވެ. މިމަންޒަރު ބަލާން އިމުގެ ދެފަރާތަށް ކޮންމެ ދުވަހަކު ހަވީރު އެތައްހާސް ބަޔަކު ޖަމާވެއެވެ. ޕާކިސްތާނު ފަޅީގައި ތާޅަފިލިން ގޮވާނެއެވެ. ޕާކިސްތާނު އުފެދުމުގެ މަގްސަދަކީ ކޮބައިހެއްޔެވެ. ދެން އެއްވެފައިވާ އެތައްހާސްބަޔަކު އެއްއަޑަކުން ޝަހާދަތުގެ ފުރަތަމަ ކަލިމަ ކިޔާނެއެވެ. މިއަޑު މުޅި ވާދީގެ ތެރޭގައި ގުގުމައިގެންދާނެއެވެ. އިންޑިޔާއާވީފަޅިން ގޮވާނެއެވެ. ޖައިހިންދު ޖައިހިންދެވެ.

ތިންވަނަ ކަމަކީ އަދި ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައިވާ ކަމަކީ ޕާކިސްތާނުގެ ސަރުކާރަށް ސްޓްރެޓީޖިކް ކަންކަމާމެދު ލަފާދޭ ގައުމީ މަޖިލީހުގެ މެންބަރުންނާއެކު އިސްލާމްއާބާދުގައި ބޭއްވުނު ބައްދަލުވުމެވެ. އެއީ ވަރަށް ވަރުގަދަ ސުވާލުކުރުންތަކަކާ ކުރިމަތިލާންޖެހުނު ބައްދަލުވުމެކެވެ. އެ މަޖިލީހަކީ ވަރަށް ޚާއްސަ ތިންކް ޓޭންކެކެވެ. ޕާކިސްތާނުގެ ސިޔާސަތު ބައްޓަންކޮށް ރޭވުމުގެ ސިކުނޑިއަކީ މި ތިންކްޓޭންކެވެ.

ތިންކްޓޭންކުގައި ތިއްބަވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ރިޓަޔަރ ކުރައްވާފައި ތިއްބެވި ކުރީގެ ބޮޑެތި ބޮޑެތި ޖެނެރަލުންނެވެ. އެދުވަސްވަރު ޕާކިސްތާނުގެ ރައީސަކީ ޖެނެރަލް ޕަރްވޭޒް މުޝައްރަފެވެ. ވެރިކަމުގައި އަސްކަރީކުލަ ވަރަށް ބޮޑެވެ. އަސްކަރީންގެ ނުފޫޒު ނުހަނުބޮޑެވެ. އަޅުގަޑުމެންގެ ދަތުރުގެ ޕްރޮގްރާމު ރޭވިގެން އައިއިރު މިޒާތުގެ ބައްދަލުވުމެއް ނުވެސްނެތެވެ. މިއީ ހަމަކުއްލިޔަކަށް ހަމަޖެހުނު ބައްދަލުވުމެކެވެ. އެބޭފުޅުންގެ އެދިވަޑައިގަތުމަކަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލުވުމެއް އައީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލަށް ގެންގޮސް މަސްރަހު ދައްކައި ކަޝްމީރުގެ ބައެއް ރެފިއުޖީ ކޭމްޕުތަކަށް ގެންގޮސް ރެފިއުޖީންގެ ކެކުޅުންތަކާއި ކަންކަންހުރި ނެތްގޮތްވެސް ދެއްކުމަށްފަހުގައެވެ. އަޅުގަޑުމެން ކަހަލަ ދިވެހި ނޫސްވެރިންގެ ފަރާތުން އެވަރުގެ ބޮޑެތި ބޮޑެތި ޖެނެރަލުން އޮޅުންފިލުވާން އޮންނާނީ ކޮންކަހަލަ މައުލޫމާތުތަކެއް ބާވައެވެ. އެބޭފުޅުން ބައްދަލުކުރެއްވީ މައުލޫމާތެއް ސާފުކުރާކަށް ނޫނެވެ. އެބޭފުޅުންގެ ޝައުގަކީ ސަރަހައްދީ ބައެއް މައްސަލަތަކުގައި އަޅުގަޑުމެންގެ ވިސްނުމާއި ފިކުރު ހުރިނެތްގޮތް ދެނެގަތުމެވެ. ނޫސްވެރިންކަމަށްވެފައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭންތިބޭ ބަޔަކީ ނޫސްވެރިންވީމާ ނޫސްވެރިންގެ ޚިޔާލު ބަލައިލުމެވެ.

އިންޑިޔާއާއި ރާއްޖޭގެ ގުޅުމުގެ ފައިދާ ދިވެހީންނަށް ފޯރާ މިންވަރާމެދު ޚިޔާލަކީ ކޮބައިހޭ އެހީމާ ދެންނެވީމެވެ. ފައިދާ ވަރަށް ބޮޑެވެ. ދިވެހީން ބޭސްފަރުވާގެ ޚިދުމަތް ލިބިގަންނަނީ ކެރެލާއާއި ޓެމިލްނާޑޫންނެވެ. އިންޑިޔާއިން އެހެރީ މާލޭގައި ބޮޑު ހަސްފަތާލެއް ގާއިމުކޮށްދީފައެވެ. އިންޑިޔާގެ ބޮޑެތި ބޮޑެތި ސްޕެޝަލިސްޓުން އެތާގައި އެބަތިއްބެވެ. ފަންނީ ގޮތުން ދިވެހި ޒުވާނުން ތަމްރީނު ކުރުމަށްޓަކައި އެޔަށްވުރެ މާކުރިން ޒަމާނީ އިންސްޓިޓިއުޓެއް ގާއިމުކޮށްދީފައި އެބަހުއްޓެެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު ނަގައިކޮޅަށް ޖެހުމަށް އިންޑިޔާގެ ޓީޗަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ.

ދިވެހީންނަށް ބޮޑުކަމެއް މެދުވެރިވެއްޖެނަމަ އަބަދުވެސް އެންމެ ބޮޑަށް އެންމެ އަވަހަށް އެހީތެރިވަނީ އިންޑިޔާއިންނެވެ. ނޮވެމްބަރު ތިނެއްގައި ބޭރުގެ ކުލީސިފައިންގެ ބަޔަކު މާލެއަށް އަރައި އެހިންގި އުދުވާނުވެސް މައިތިރިކޮށް ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިޔާ ސިފައިންނެވެ. މިއަޑު އަހައިފައި އެތަނުން ބޭފުޅަކު ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިޔާއިން އިހުތިރާމްކުރާކަމަށް ގަބޫލުކުރަންތޯއެވެ. އަޅުގަޑު ދެންނެވީމެވެ. އާދޭހެވެ. ދިވެހިރާއްޖެ 1965 ޖުލައި 26 ގައި މިނިވަންވީމާ ޕާކިސްތާނަށްވުރެ ކުރިން އެމިނިވަންކަން އިންޑިޔާއިން ގަބޫލުކުރިއެވެ. އެކަންކުރަން ޕާކިސްތާނަށް އެއްއަހަރު ބޭނުންވިއެވެ. ޕާކިސްތާނަކީ ދެކުނު އޭޝިޔާގައިވާ މުސްލިމުންގެ ބޮޑުބާރު ކަމަށްވެފައި އިސްލާމީ އުޚުވަތްތެރިކަން ދެއްކުމުގައި މިއަށްވުރެ އަވަސްވާންޖެހޭކަމަށް ގަބޫލުކުރަމެވެ. މިކަންކަން މިހެން ހިނގާފައި އޮތީމާ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިޔާއިން އިހުތިރާމް ނުކުރާކަމަށް ބަލަން ފުރުސަތެއް ނެތެވެ.

މިހިސާބަށް ދިޔައިމާ އެތަނުން އެއްބޭފުޅަކު ވިދާޅުވިއެވެ. ދިވެހީންނަށް ތައުލީމު ދިނުމުގެ ދާއިރާގައި ޕާކިސްތާނުގެ ދައުރުވެސް ކުޑައެއް ނޫނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލުގެ ޕްރިންސިޕަލްކަންވެސް ޕާކިސްތާނުގެ އަލީ އަޚުތަރު ޒައިދީ ކުރެއްވިއެވެ. ކަރާޗީގައި އެހެރަ ބަގާއީ އިންސްޓްޓިއުޓްގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން މިހާރުވެސް މަދެއް ނޫނެވެ. ދެން އެންމެ ރަގަޅެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނުން ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިޔާ ސިފައިންނެވެ. އެކަމަކު މުޅި އެއުދުވާން ރާވައި ތަންފީޒު ކުރުމުގައި ތިޔަ ބުނާ އިންޑިޔާގެ ޖާސޫސީ އިދާރާއިން ދައުރެއް އަދާކޮށްފައިވާނަމަ އިންޑިޔާގެ ނިޔަތް ރަގަޅުކަމަށް ގަބޫލުކުރާނަން ހެއްޔެވެ. ބުރަކައްޓަށް ވަޅިހަރައިފައި ދެން އެޒަޚަމުގައި ކަފައެޅީމާ ބުނާނީ ކީކޭބާވައެވެ. އަޅުގަޑު ދެންނެވީމެވެ. ތިޔަމަގުން ހިނގާފައިވާ ކަމެއްނަމަ ހަމަކަށަވަރުންވެސް ތިޔައީ ނުބައިކަންބޮޑުވެގެންވާ ރޭވުމެކެވެ. އެކަމަކު ތިޔަކަމަކީ އެހާސާފުކޮށް ކަޅާއިހުދުން ފެންނާންއޮތް ހަގީގަތެއް ނޫނެވެ.

ޕާކިސްތާނުގެ ތިންކްޓޭންކުން އެ އިޝާރާތްކުރި ހާދިސާޔަކީ ދިވެހީންގެ ތެރޭގައިވެސް ތުންތުންމަތިން ގަދަޔަށް ދެކެވޭ ވާހަކައެކެވެ. އެކަމަކު ދިވެހީންނަށް އޭގެ ހަގީގަތުގެ ފުނަށް ފީނައި ނުގަނެވޭ ހާދިސާއެކެވެ. އިސްލާމްއާބާދުގައި މިވާހަކަ މިގޮތަށް ދެކެވުނުފަހުން ލާހޯރުގައި ޕާކިސްތާނުގެ ނޫސްތަކުގެ އެޑިޓަރުންނާއެކު ބޭއްވި މެންދުރުގެ ކެއުމެއްގެ ތެރޭގައި ބައެއް އެޑިޓަރުންވެސް މިވާހަކަ ތިލަކުރިއެވެ. އެހެންވީމާ ނޮވެމްބަރު ތިނެއްގެ އުދުވާނުގެ ހަގީގަތާމެދު ޕާކިސްތާނުގެ ތަޖުރިބާކާރުންނާއި ނޫސްވެރިން ގަބޫލުކުރާ ގޮތާއި ދިވެހިރާއްޖޭގެ ގިނަބަޔަކު ގަބޫލުކޮށްގެން ތިބިގޮތް ވަރަށް ތަފާތެވެ.