Last Updated: April 19, 21:43
Friday, April 19, 2024
ދުނިޔެ

ފްލޮއިޑް މެރި ފުލުސް މީހާ ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ފްލޮއިޑް ހައްޔަރުކުރުމުގައި ކަރަށް ފައިން އަރައި މަރާލި ޑެރެކް ޗޯވިން-

އެމެރިކާގައި މިދިޔަ މޭ މަހު ތެރޭ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ހައްޔަރުކުރުމުގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އޭނާ މަރުވުމުން، ހައްޔަރުކުރި ފުލުސް މީހާ، ޑެރެކް ޗޯވިން ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ޗޯވިން ޖަލު ބަންދުން ދޫކޮށްފައިވަނީ 1 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑަކަށެވެ. ފްލޮއިޑްގެ މަރުގެ މައްސަލާގައި ނަސްލީ ތަފާތުކުރުންތައް އަދިވެސް އެމެރިކާގައި އޮތް މިންވަރު ހާމަވެ، އެކަން ހުއްޓުވުމަށް ސިލްސިލާ މުޒާހަރާތަކެއް ފެށިގެން ދިޔައެވެ.

އެތައް ހާސް ބަޔަކު އެމެރިކާގެ ހުރިހާ ސްޓޭޓަކުން މުޒާހަރާގައި ބައިވެރިވެފައިވާއިރު ފްލޮއިޑަށް އިންސާފު ހޯދަދޭން މުޅި ދުނިޔެ ވަނީ އަޑުއުފުލާފައެވެ.

ޗޯވިންއާ އެކު ފްލޮއިޑް ހައްޔަރުކުރުމަށް ދިޔަ ތިން ފުލުހުން ވެސް ވަނީ ވަޒީފާ އިން ވަކިކޮށް ދައުވާ ކުރަން ފޮނުވާފައެވެ. ޗޯވިންއަށް ކުރަނީ ދެވަނަ ދަރަޖައިގެ މެރުމުގެ ދައުވާއާއި ގަސްދަކާ ނުލާ މީހަކު މެރުމުގެ ދައުވާއެވެ. އަނެއް ތިން ފުލުހުންނަށް ކުރަނީ މީހަކު މެރުމުގައި އެހީތެރިވިކަމުގެ ދައުވާއެވެ.

ހަތަރު މީހުން ވެސް ވަނީ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އެމީހުންގެ ޝަރީއަތް ފެށޭނީ އަންނަ އަހަރުގެ މާޗު މަހުގައެވެ.