Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ޗައިނާގެ ސިޔާސަތު: އޭރު މޮޅީ އެގޮތެވެ. މިހާރު މޮޅީ މިގޮތެވެ.

ޗައިނާ ސަރުކާރުން ދިވެހި ނޫސްވެރިންނަށް ދިން ފުރުސަތުތަކެއްގައި ދެފަހަރަކު އަޅުގަޑު ޗައިނާއަށް ހިގައްޖައީމެވެ. އެންމެ ފުރަތަމަ ބެއިޖިން އޮލިމްޕިކްސްގެ ތެރޭގައި 2008 ވަނަ އަހަރުއެވެ. ދެން 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ކޮންމެފަހަރަކުވެސް އޮންނަނީ ޗައިނާގެ އެކި ސަހަރުތަކާއި ތަންތަން ދެއްކުމެވެ. ދެން ޗައިނާގެ ޚާރިޖިއްޔާއަށް ގެންގޮސް ޗައިނާގެ ތަސައްވުރު ކިޔައިދިނުމެވެ.

އެންމެ ފުރަތަމަ ދިޔަފަހަރު ޗައިނާގެ ރައީސްކަމުގައި ހުންނެވީ ހޫޖިންޓާއޯއެވެ. ރާއްޖޭގެ ރައީސްކަމުގައި މައުމޫން އަބްދުލްގައްޔޫމެވެ. ފަހުން ދިޔަފަހަރު ޗައިނާގެ ރައީސަކީ މިހާރުވެސް އެހުންނެވި ޝީޖިންޕިންގެވެ. ރާއްޖޭގެ ރައީސަކީީ އަބްދު ﷲ ޔާމީނެވެ. މިދެންނެވި 8 އަހަރުގެ ތެރޭގައި އަދިއޭގެފަހުންވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ހަމައެހެންމެ ދުނިޔޭގައި ޗައިނާ އަދާކުރާ މަގާމާއި ޗައިނާގެ ސިޔާސަތަށްވެސް ނުހަނު ގިނަގުނަ ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ކޮންމެ ދަތުރެއްގައިވެސް ޕްރޮގްރާމުގެ ކޮންމެވެސް އެއްދުވަހެއް ޚާއްސަވެފައި އޮންނަނީ ޚާރިޖިއްޔާއަށެވެ. އެކަމަކު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ޚާރިޖީވަޒީރެއް ނޫނެވެ. އަޅުގަޑާ ދިމާވީ ޚާރިޖިއްޔާގެ އޭޝިއަން އެފެއާރޒް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލާއި އޭނާގެ ނާއިބުންނެވެ. މި ޑިޕާޓްމަންޓަކީ އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ވަކި ޔުނިޓެއް، ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ވަކި ޔުނިޓެއް އަދި ދެކުނު އޭޝިއާގެ ގައުމުތަކަށް ވަކި ޔުނިޓެއް، މިމަގުން މުޅިއެކު ތިންބަޔަކަށް އެކުލެވިގެންވާ ޑިޕާޓްމަންޓެކެވެ. މީގެ ކޮންމެ ޔުނިޓެއްގައި އިސްވެ ހުންނަވަނީ ޑިޕިއުޓީ ޑިރެކްޓަރ ޖެނެރަލެކެވެ. ނޫސްވެރިންނާ ބައްދަލުކޮށް މަރުހަބާ ކިޔައި ޗައިނާގެ ތަސައްވުރު ކިޔައިދިނީމާ ކޮންމެވެސް ވަރަކަށް ސުވާލުކުރާންވެސް ފުރުސަތު ލިބެއެވެ.

ފުރަތަމަ ދަތުރުގައި އަޅުގަޑު ހިމެނުނު ގްރޫޕުގައި ބޮޑެތި ގައުމުތަކުގެ ތެރެއިން އިންޑޮނީޝިއާ އާއި ފިލިޕީންސްގެ ނޫސްވެރިން ހިމެނުނެވެ. ކުދި ގައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި އަޅުގަޑުގެ އިތުރަށް ދެން ތިބީ ބޫޓާނުގެ ދެ ނޫސްވެރިޔެކެވެ. އެދުވަހު ދުނިޔޭގެ ހަމަޖެހުމާއި ކުރިއެރުމާއި އިންސާފު ގާއިމުކުރުމުގައި ޗައިނާގެ ދައުރާ މެދު ޑިރެކްޓަރ ޖެނެރަލް ވާހަކަފުޅު ދެއްކެވީމާ އަޅުގަޑު ކޮޅަށް ތެދުވެ ނަމާއި ގައުމާއި ވަޒީފާޔާއި ވަޒީފާ އަދާކުރާ ނޫހުގެ ނަން ގެނެސްފައި ދަންނަވައިފީމެވެ. ދިވެހިރާއްޖެއަކީ ވަރަށްވެސް ކުޑަ ގައުމެކެވެ. ބައިމަދު ގައުމެކެވެ. ތިމާވެށީގެ މައްސަލަތަކާއި އެނޫންވެސް މައްސަލަތަކުގައި މިޒާތުގެ ކުދި ގައުމުތަކުގެ މަސްލަހަތަށް ރިއާޔަތްކުރުން ދުނިޔޭގައި ވަރަށް ކުޑައެވެ. ދުނިޔޭގެ ބާރުގެ މީޒާނަށް ބަދަލުތަކެއް އަންނާން ފަށާފައިވުމާއި މި އައުބަދަލުގެ މުގުލުގައި އޮތީ ޗައިނާކަމަށްވުމާއެކު ކުދިގައުމުތަކަށް އިހުތިރާމްކުރުމާއި އެގައުމުތަކުގެ ވާހަކަ އަޑުއެހުމުގައި ޗައިނާގެ ފަރާތުން ތަފާތެއް ފެނިދާނޭތޯއެވެ.

ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. އިހުތިރާމް ދިނުމުގައި ޗައިނާގެ އުސޫލަކީ ކުޑަބޮޑު ބެލުމެއް ނޫނެވެ. ޚާރިޖީ ސިޔާސަތު ނީލަމަށް ނުލައި އަނދާ އަލިފާނަށް ދަރުނާޅާ ބަޔަކު ދެކެ ރުޅިއަރާ އެހެންބަޔަކު ތިބެދާނޭބަވައެވެ. ނުތިބޭނެއެވެ. ކުދިގައުމުތަކަށް ނުފޫޒުފޯރުވައި ނާޖާއިޒު ފައިދާ ހާސިލްކުރުމަކީ ޗައިނާގެ ސިޔާސަތެއް ނޫނެވެ. ޗައިނާއިން ތަރުހީބުދޭނީ މުސްތަގިއްލު ސިޔާސަތަށެވެ. އެއަަޑު ޗައިނާއިން އަހާނެއެވެ. އިހުތިރާމް ކުރާނެއެވެ. ކުދިގައުމުތަކުން މިސާލެއް ދައްކަންޏާ ވަކިއަތަކަށް ނުޖެހުމާއި އަނދާ އަލިފާނަށް ދަރުނޭޅުމާއި އެންމެންގެ މަސްލަހަތަށް ވިސްނައިގެން ރަގަޅު ޚާރިޖީ ސިޔާސަތެއް ބައްޓަންކޮށް ތަންފީޒު ކުރުމުގެ ނަމޫނާޔަކީ ދިވެހިރާއްޖެއެވެ.

އޭގެ 8 އަހަރު ފަހުން 2016 ވަނަ އަހަރު އަޅުގަޑަށް ލިބުނު ފުރުސަތެއްގައި ބެއިޖިންގަށް ގޮސްގެން އުޅެނިކޮށް އަނެއްކާވެސް ޚާރިޖިއްޔާއަށް ވަދެލަން މަގުތަނަވަސްވެއްޖެއެވެ. ކަންދިމާކުރިގޮތުން މިފަހަރު އަޅުގަޑުމެންގެ ގްރޫޕުގައި ތިބީ މުޅީންވެސް ދިވެހި ނޫސްވެރިންނެވެ. އެހެންވީމާ އަޅުގަޑުމެންނާ ބައްދަލުކުރެއްވީ ދެކުނު އޭޝިޔާއާބެހޭ ޔުނިޓުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާއި ދިވެހިރާއްޖެއާބެހޭ ޑެސްކުގެ އޮފިސަރުންނެވެ. އާދަކާދައިގެ މަތިން ޗައިނާގެ ތަސައްވުރު ހާމަކޮށްނިމުނީމާ ދަންނަވައިފީމެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިޓިވްގެ ބައިވެރިޔަކަށް ވުމުގެ ފައިދާއަކީ ކޮބައިތޯއެވެ.

ޖަވާބު ލިބުނެވެ. ބެލްޓް އެންޑް ރޯޑް އިނިޝިޓިވަކީ ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކުގައި އިންވެސްޓްކުރަން ޗައިނާއިން ކަނޑައަޅާފައިވާ ބިންގަލެވެ. ޗައިނާގެ ޚާރިޖީ ސިޔާސަތުގެ ނާރެހެވެ. އޭގައި ބައިވެރިވާ ބަޔަކަށް ފައިދާއެވެ. ނުވާބަޔަކަށް މޮޅެއް ނެތެވެ. ދަންނަވައިފީމެވެ. ތިޔަ އެއްޗެއްގައި ބައިވެރިވީމާ ސަރަހައްދީ ތިލަފަތަށް ގުޑުންއަރައި ވަކިއަތަކަށް ނުޖެހުމުގެ އުސޫލުތަކާ ޚިލާފުވެވުނީކަމަށް ނުވާނޭތޯއެވެ. ޖަވާބު ލިބުނެވެ. ގޮތް ނިންމީ ދިވެހި ސަރުކާރުންނެވެ. ނިންމާފައި އެއޮތީ އިއްޔެގެ ހަގީގަތަށްވުރެ ބޮޑަށް މިއަދުގެ ހަގީގަތަށް ރިއާޔަތްކޮށްފައި ދިވެހިރާއްޖެއަށް އެންމެ ބޮޑަށް މަންފާކުރާނޭ އުސޫލުންނެވެ. އެކަމާ އުފާކުރަމެވެ.

އިއްޔެގެ ހަގީގަތަކީ ކޮބައިބާވައެވެ. އެވާހަކަ ކުރީދަތުރުގައި ޑީޖީ ވިދާޅުވެދެއްވީއެވެ. މިހާރުގެ ހަގީގަތަކީ ކޮބައިބާވައެވެ. ވަކިއަތަކަށް ނުޖެހުންދޫކޮށްލީއެވެ. އަލިފާނަށް ދަރުއަޅާ ބަޔަކަށްވެސްވީއެވެ. ޚާރިޖީ ސިޔާސަތު ނީލަމަށްވެސްލީއެވެ. ސިޔާސަތުގެ މުސްތަގިއްލުކަންވެސް ގެއްލުނީއެވެ. ބޮޑުގައުމަކުން އެދުނީމާ ގައުމުތަކާ ގުޅުންވެސް ކަނޑައިލަނީއެވެ. މިހެންގޮސް ކުރީގައި ނުކުރާ ކިތަންމެކަމެއް ކުރާން ފެށީއެވެ. އެއީ ޗައިނާގެ އެނބުރެމުންދާ މަސްލަހަތު މިވަގުތަކަށް ނިޔާކުރާގޮތްވީމާ އެގޮތް ބުއްދިވެރިވީއެވެ. މޮޅުވެސްވީއެވެ. އެކަމަކު ހަގީގަތަކީ ކޮބައިތޯއެވެ. ހަގީގަތުގެ ހިތިކަން ވަރަށް ބޮޑެވެ. ބޮޑުދެބާރެއްގެ މެދުގައި ރޯވެ އަނދަމުންދާ އަލިފާނުގައި ދިވެހިރާއްޖެ މިއޮތީ ދަރުގަޑަކަށްވެނިމިފައެވެ.