Last Updated: April 18, 06:09
Thursday, April 18, 2024
ދުނިޔެ

ލަންކާ އިން އެއް ދުވަހުން 207 މީހުން ޕޮޒިޓިވް

ސްރީލަންކާ އިން މިދިޔަ 24 ގަޑިއިރުތެރޭގައި އެކަނި 207 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން މި 207 މީހުންގެ ތެރެއިން 199 ކޭސް ނިސްބަތްވަނީ ލަންކާގެ ގަމްޕަހާ ޕްރޮވިންސްގެ ގާމެންޓް ފެކްޓަރީ ކްލަސްޓާ އަށެވެ. އަދި ތިން މީހުންނަކީ އެ ފެކްޓަރީގައި މަސައްކަތްކުރާ މީހުންގެ އާއިލާ މީހުން ކަމަށްވާއިރު އަނެއް ފަސް މީހުންނަކީ ބޭރު ގައުމުތަކުން ލަންކާ އަށް އައި މީހުންނެވެ.

މި 207 މީހުންނާއެކު ލަންކާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 4459 އަށް އަރާފައެވެ. އޭގެތެރެއިން 3274 މީހުން ރަނގަޅުވެފައިވާއިރު 201 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލީގައި ލަންކާ އިން ވަނީ 13 މީހަކު މަރުވެފައެވެ.

ފެކްޓަރީގައި މަސައްކަތް ކުރާ އިތުރު 199 މީހުން އިއްޔެ ޕޮޒިޓިވް ވެފައިވާއިރު، އެ ފެކްޓަރީން މިހާތަނަށް 1034 މުވައްޒަފުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ކޭސްތައް ލަންކާ އިން ގިނަ އަދަދަކަށް އަނެއްކާވެސް ފެންނަން ފަށާފައިވާތީ، އެގައުމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.