Last Updated: April 20, 11:49
Saturday, April 20, 2024
ވިޔަފާރި

ދަނޑުވެރިކަމަށް ހަ ރަަށެއް ދޫކުރަން ނިންމައިފި

ދަނޑުވެރިކަން ކުރުމުގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި އެ މިނިސްޓްރީގެ މަޤްޞަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.

އަދި ޕޯލްޓްރީ ނުވަތަ ކޯލިއާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުމަކީ ވެސް މަގުސަދެއް ކަމަށް ބުނެފައިވެއެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ.

އެގޮތުނ ފުރަތަމަ ބުރުގައި ދޫކުރާނީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އާއި ބ. މާއްޑޫ އާއި ގދ. އޮއިނގިއްލާ އެވެ. މި ރަށްތަކުގެ ބީލަން ފޮތް ވިއްކަނީ މި މަހު 14 އިން ފެށިގެން އަންނަ މަހު ފަހަކަށެވެ.