Last Updated: July 6, 22:22
Sunday, July 6, 2025
ދުނިޔެ

ނޯބެލް ސުލްހައިގެ އިނާމު، ވޯލްޑް ފުޑް ޕްރޮގްރާމަށް

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބޭ ފަރާތަކަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ހޮވައިފިއެވެ.

ނޯބެލް އިނާމު ކޮމިޓީން ޑަބްލިއުއެފްޕީ އަށް އެ ޝަރަފު އެރުވުމަށް ނިންމީ ބަޑުހައިހޫނުކަމާ ދެކޮޅަށް އެ ޖަމިއްޔާ އިން ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ. ނޯބެލް ސުލްހައިގެ އިނާމާ އެކު 1.1 މިލިއަން ޑޮލަރު ވެސް އެ ޖަމިއްޔާ އަށް ލިބޭނެއެވެ.

"މިއީ ވަރަށް ފަހުރުވެރި ވަގުތުކޮޅެއް" ޑަބްލިއުއެފްއީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ޑަބްލިއުއެފްޕީން ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 88 ގައުމެއްގެ ގާތްގަނޑަކަށް 97 މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

މިފަހަރުގެ ނޮބެލް އިނާމަށް 211 ފަރާތަކާއި 107 ޖަމިއްޔާ އަކުން ވާދަކޮށްފައިވެއެވެ. މި އިނާމު މިފަހަރު ހޯދާނެ ކަމަށް ބެލެވުނު ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި ތިމާވެށީގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެންނަން މަސައްކަތްކުރާ ގްރެޓާ ތަންބާގް ހިމެނުނެވެ.

މި އެވޯޑު މިދިޔަ އަހަރު ހާސިލުކޮށްފައިވަނީ އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުއެވެ.