Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

ފޭދޫގެ ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ތަޖުރިބާކޮށްލަން ފުރުސަތެއް

އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރި ބީޗު ހުޅުވުމުގެ ގޮތުން އެއްތަނަކުން ފޭދޫގެ ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތެއް މާދަމާ އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

ފޭދޫގެ ރައްޔިތުން އިންތިޒާމުކުރާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 އިން 6 އަށް، އަދި ރޭގަނޑު 8:30 އިން 10:30 އާއި ހަމައަށެވެ. މި ހަރަކާތް ކުރިއަށްދާނީ ފޭދޫ ރަށިކެޑަ އަތިރި (ފަތާ ޓްރެކް ސަރަހައްދު) ސަރަހައްދުގައެވެ.

މި ހަރަކާތުގައި ފޭދޫގެ ޖުމްލަ 14 ވިޔަފާރިއަކުން ބައިވެރިވާއިރު، ސްޓޯލްތަކުން އެއްޗެހި ގަންނަ ފަރާތްތަކަށް ކޫޕަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ބާއްވާއިރު، އެ ގުރުއަތުލުމުން ނަސީބުވެރި އެއް ފަރާތް ހޮވުމަށް ހަމަޖެހިފައެވެ. އެގޮތުން އެ ފަރާތަށް "މާކުމްބޭ ގިފްޓް ޕެކެއް" ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަސީބުވެރިޔާ އިއުލާން ކުރާނީ މާދަމާ ރޭ 10:30 ގައެވެ.

މީގެއިތުރުން #FeydhooRashikedaAthiri #InstaWorthyVeyheh މި ހޭޝްޓެގްތައް ބޭނުންކޮށްގެން ފޮޓޯތައް ޕޯސްޓު ކުރުމުގެ މުބާރާތެއް ވެސް ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ތިން ދުވަހަށް ކުރިއަށް ގެންދާއިރު، ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ފޭދޫގައި އޮންލައިންކޮށް ވިޔަފާރި ހިންގާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއެއް އަސަރުކޮށްފައިވުމުން، ގިނަ ބަޔަކު އަންނަނީ އާމްދަނީ ހޯދަން އަމިއްލަ އަށް މަސައްކަތްތައް ފަށާފައެވެ. އެފަދަ ފަރާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ.

މި އިވެންޓުގެ ޕާޓްނަރުންނަކީ "އައިލަވް އައްޑޫ" އާއި "މިވަރުން ވޭށީ" އެވެ.